ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ނުވާ ނަމަ އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދު މަދުވަމުން އަންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ސޯލިހު ވަނީ އެ އަތޮޅު ރަކީދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގެ އާބާދީ އަކީ 369 އެއް ކަމަށްވީ ނަމަވެސް އެރަށުގައި ދިރިއުޅެނީ 69 ރައްޔިތުން ކަމަށެވެ.

އެރަށުގެ ގިނަ ރައްޔިތުން އެހެން ރަށްތަކަށް ހިޖުރަ ކުރީ ތައުލީމު ހާސިލު ކުރުމަށް ކަމަށް ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއިލް މުއާޒު ވިދާޅުވިއެވެ.

"އެންމެ ކުޑަ މިނުން ދަރިންނަށް ތައުލީމު ދިނުމުގައި ހުރި ގޮންޖެހުންތައް، ސިއްހީ ހިދުމަތަށް ހުރި ގޮންޖެހުން،" ކުދި އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން ރަށުން ދާން ޖެހޭ ސަބަބުތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރަކީދޫ އާއި އަދިވެސް މިފަދަ ކުދި ރަށްތަކުގައި ދިރިއުޅޭ އާބާދީ ހިފެހެއްޓުމަށް ސަރުކާރު މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު ރަކީދޫގައި އެމަގަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތަކީ އެރަށުގައި ސެޓެލައިޓު ސްކޫލެއް ގާއިމު ކުރުމެވެ.

ރައީސް ވިދާޅުވީ ޓީޗަރުންނާއި މުވައްޒަފުން ހޯދުމަށްފަހު ސެޓްލައިޓް ސްކޫލު ހުޅުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެރަށުގެ ރައްޔިތުން ރަށަށް ބަދަލުވާނެ ކަމުގެ ރޫހު އުފެދިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.