ސިޔާސީ ވާދަވެރިން އުޅުއްވާ ގޮތުން ބައެއް ފަހަރު ހީވަނީ އެ ބޭފުޅުން އުޅުއްވަނީ 2000 ގެ ކުރީކޮޅު ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވާދަވެރިންގެ ސްޕީޑަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މ. ދިއްގަރު ގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން ހިންގަމުންދާ ވާދަވެރި ކެމްޕޭނުގެ ނަތިއްޖާ ދައްކާނީ ވޯޓުންނެވެ.

" އަޅުގަނޑަށް ބައެއް ފަހަރު ހީވޭ ވާދަވެރިންނަށް އުޅެވެނީ 2000 ކުރީކޮޅު" ސަމާސާ ރާގަކަށް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ފޮނުވަމުން ވިދާޅުވިއެވެ. ސީދާ އެހެން ވިދާޅުވާން ޖެހުނު ސަބަބެއް ހާމައެއް ނުކުރައްވައެވެ. އެކަމަކު ވިދާޅުވީ ވާދަވެރިން ކުރައްވަމުން ގެންދަވަނީ 2000 ގެ އަހަރު ކޮޅުގެ އެމްޑީޕީން ރަށްރަށުގައި ކުރަން ފެށި ކަންތައްތައް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ހަމަނުޖެހުމާއި ސުުލްހަމަސްލަސްކަން ނަގާލުމަށް ކުރާ މަސައްކަތަށް ޖާގާއެއް ނުދެއްވާނެއެވެ. އަމަންއަމާންކަން ދަމަހައްޓާން ސިފައިންނާ ފުލުހުން ތިބޭނެ ކަމަށް ވިދާޅުވިއެވެ.

އެ ޖަލްސާގައި ރައީސް ސޯލިހު، ދިއްގަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި ޒަމާނި ހޮސްޕިޓަލެއް އެޅުމާއި ރަށުގެ ދަތުރުފަތުރުގެ ހިދުމަތަށް ލުއި ފަސޭހަތަކެއް ގެނައުމާއި ރަށުގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންވިއެވެ.

ޒުވާނުންނަށް ހާއްސަކޮށް ދަނޑުތައް އަޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ރަށުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިއްހީ މަރުކަޒުގެ މައްސަލަ ކަމަށްވާއިރު ހޮސްޕިޓަލް އެޅުމުގެ ކުރިންވެސް ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކުރުވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.