އުމްރާނީ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެ މަސައްކަތްތައް ކުރެވުމުގެ މަގުސަދަކީ ރަނގަޅު ތައުލީމީ ޖީލެއް ބިނާ ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މ. މަޑުއްވަރީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދާއިރު މީހުން ބިނާ ކުރުމަކީ ދޫކޮށްލާނެ ދާއިރާއެއް ނޫން ކަމަށެވެ. ރަނގަޅު ހޭލުންތެރި އަދި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ދީގެން އެމަނިކުފާނުގެ ސަރުކާރުން ކުރިޔަށް ގެންދާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

"އެގޮތުން ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއެކީގައި މީހުން ބިނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އަޅުގަނޑުމެން މަސައްކަތް ކުރަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުެ ވާހަކަފުޅުގައި މި ފަސް އަހަރުގެ ތެރޭގައި އެކަނިވެސް ސްކޫލްތަކުގައި 1،716 ކްލާސް ރޫމްގެ މަސައްކަތްކޮށް 85 މަލްޓިޕާޕްސް ހޯލް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ 227 ކްލާސްރޫމް ނިންމައި މި ވަގުތު 806 ކްލާސްރޫމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން މިހާރުވެސް 17،858 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އަދި، އޭގެ ތެރެއިން 6،540 ދަރިވަރުން ކިޔެވުން ނިންމާފައިވާ ވެސް ވިދާޅުވިއެވެ.
މަތީ ތައުލީމް ހާސިލްކުރަން ދޫކުރި ލޯނުތަކުގައި ވެސް 3،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ސަރުކާރުގެ ސްކޮލަޝިޕްގައި 1،260 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.