މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ކަމާގުޅުންހުރި އެހެން އިދާރާތަކުން ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ހަރަކާތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ކުރިޔަށް ގެންގޮސްފައެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޕަވްލޯވް ނަމަކަށް ކިޔާ ފަތުރުވެރިއެކެވެ. އޭނާއާއެކު ރާއްޖެ އަށް އޭނާގެ އަންހެނުން އަދި ދަރިފުޅުވެސް ވަނީ އައިސްފައެވެ.

[caption id="attachment_55206" align="alignnone" width="1440"] ރާއްޖެ އަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާ ޕަވްލޯވް (ވ) އަދި އޭނާގެ އަންހެނުންނާއި ދަރިފުޅު -- ފޮޓޯ / ވީއައިއޭ[/caption]

ޕަވްލޯވް އަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބުގެ އިތުރުން ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ފަތުރުވެރިކަމާއި ގުޅުންހުރި ބައެއް ޖަމިއްޔާތަކުގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 12ވަނަ ދުވަހާއި ހަމައަށް 984،635 ފަތުރުވެރިން އައިސްފައެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 13.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

[caption id="attachment_55208" align="alignnone" width="1440"] ޕަވްލޯވް އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ / ވީއައިއޭ[/caption]

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. މިދިޔަ މާޗު މަހަކީ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. އެގޮތުން މާޗު މަހު ރާއްޖެ އަށް 173،514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އަހަރުގެ ފުރަތަމަ މަސް ކަމަށްވާ، ޖެނުއަރީ މަހުއެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ އެއްވަނަ ފަތުރުވެރިކަމުގެ މާކެޓެވެ. ދެވަނާގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނާގައި އޮތީ ޔޫކޭއެވެ.