އަބަދުވެސް ކަންކަމުގައި ކުރިޔަށް ދާނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ މަޝްވަރާގެ މަތީން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް މިހާރު ދިއްގަރު ދާއިރާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ރަތްމަންދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2018ގެ ކުރީގެ ފަސް އަހަރު ކަން ހިނގާދިޔަ ގޮތާއި 2018ގެ ފަހުން އައި ފަސް އަހަރު ކަންކަން ހިނގާދިޔަ ގޮތް ރައްޔިތުން މިނެކިރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މިނިވަންކަމާއި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި މި ހުރިހާ ކަމަކަށް ތަންދީގެން ކުރިޔަށް ދާން. ރައްޔިތުންގެ އަޑު އަހައިގެން ކުރިޔަށް ދާން. އެހެންވެ މިފަދަ ކުދިކުދި ރަށްރަށަށް އައިސް ރައްޔިތުން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން މި އޮޅުން ފިލުވަނީ. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ތަރައްގީ އަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރަމުން ދާނީ އެރަށެއްގެ ކައުންސިލާއި ރައްޔިތުންނާއި ވާހަކަދައްކައިގެން އެމީހުން ބޭނުންވާ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އުފާވެރި އަމާން ރާއްޖެ އެއް ރައްޔިތުންނަށް ހޯދައި ދެވޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިގެން ކަމަށެވެ. ރަށުގައި އުޅޭ ކޮންމެ މީހަކަށް ވެސް އުފާވެރިކަން އިހުސާސް ކުރެވެން ޖެހޭނެ ކަމަށާއި އާއިލާއާއެކު ކޮންމެ މީހަކަށް ވެސް ދިރިއުޅެވޭނެ ގޮތް ހޯދައި ދެވެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.