ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި ރައްޔިތުން ދިރިއުޅުނީ އެއް ނޫން ކަމަށާއި އެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ދިރިތެޅުނީ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ އަދަދެއްގެ ސިޔާސީ އިސް ބޭފުޅުން ހައްޔަރުކޮށް ޖަލަށްލިއެވެ. އަދި މުޒާހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވެސް ޖަލުގެ ތޭރިތަކުގެ ތެރެއަށްލިއެވެ. އޭރު އެފަދަ ފަރާތްތަކުގެ ވަކީލުންގެ ގޮތުގައި އެންމެ އިސްކޮށް އުޅުއްވި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކީ މިއަދު ތުޅާދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހިސާނެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނުގެ ރަސްމިއްޔާތެއްގައި މިރޭ މުލަކުގައި ވާހަކަދައްކަވަމުން ހިސާން ވަނީ އޭރުގެ ރައްޔިތުން އޮތް ގޮތާއި ރައްޔިތުން ތިބި ބިރުވެރިކަމުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ހިސާން ވަނީ މީގެ ފަސް އަހަރު ކުރިން ދިވެހި ރައްޔިތުން ތިބި ފިޔަވަޅުގެ މަތިން ވިސްނާލެއްވުމަށް އެދިވަޑައިގެންފައެވެ. ހިސާން ވިދާޅުވީ ފުލުހުން ހައްޔަރުކުރި މީހުންގެ މައުލޫމާތު ނުލިބިގެން އެތައް އިރެއް ވަންދެން ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގުގައި ހުންނެވިން ކަމަށެވެ.

"ތިޔަ ބޭފުޅުން [އާއްމު ރައްޔިތުން] ތިއްބެވީ ޕެޕާ ސްޕްރޭއާ ކުރިމަތިލާން މަގުމަތީގައި. ސިޔާސީ ޕާޓީތަކުގެ ވެރިން ތިއްބެވީ ޖަލުތަކުގައި. ރައީސުލްޖުމްހޫރިއްޔާ އިންނެވީ ކުޑަ ގޮޅީގައި. ސިޔާސީ ހައްޔަރީންގެ އާއިލާތައް ތިބީ ބިރުވެރިކަމެއްގައި. ވިޔަފާރިތައް އޮތީ ހުއްޓިފައި. މުޅި ގައުމު އޮތީ ހަލަބޮލި ކަމެއްގައި. އަޅުގަނޑުމެން ހަމަޖެހިގެން އެންމެ ދުވަހަކުވެސް ދިރި ނޫޅެން އެ ފަސް އަހަރު [ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު]. ހަގީގަތަށް ދަންނަވަން ޖެހޭނީ އެ ދުވަހު އަޅުގަނޑުމެން ދިރިއުޅުނީކީއެއް ނޫނޭ ދިރި ތެޅުނީއޭ،" ހިސާން ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެ ކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ގޮތުން އެމީހަކު އުޅެން ބޭނުން ސިޔާސީ ޕާޓީއެއްގައި އެމީހެއްގެ ވިސްނުމައިގެން މިނިވަން ކަމާއެކު އުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ހިސާން ވިދާޅުވިއެވެ. މީހާގެ ސިޔާސީ ވިސްނުމުގެ ސަބަބުން މީހެއްގެ ޖިސްމަށާއި މުދަލަށް ގެއްލުން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެދުވަހު އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ފިޔަވަޅު މަތީގައި ހުއްޓި ހުރެ ތިޔަ ބޭފުޅުންނަށް ވީ އެ ވައުދު. އަޅުގަނޑުމެން މި ރާއްޖެ އަށް މި އަމާންކަން ގެނެސްދޭނަމޭ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިއަދު އެވަނީ އެ ވައުދު ފުއްދަވާފައި،" ފަހަތުގައި ހުރި ރައީސް ސޯލިހުގެ ރިޔާސީ ޕޯސްޓަރަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުން ތަހައްމަލު ކުރި އަނިޔާވެރިކަން ހަނދާން ނައްތާލުމަށްފަހު އެމަނިކުފާނުގެ ވެރިކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ބަޔަކު ބުނާ ބުނުން ގަބޫލެއް ނުކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"ޔާމީންގެ ކޮންޓްރޯލް އޮންނަ ސަރުކާރަކަށް މިރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނެސްދެވޭނެ ކަމަށް އަޅުގަނޑުމެން މިއަދު ގަބޫލު ކުރަންވީ ކީއްވެގެންތޯއޭ. އެދަތި އުނދަގޫ އަލުން އަޅުގަނޑުމެން ތަހައްމަލު ކުރަންވީ ކަމަށް ބަޔަކު އެ ބުނާ ވާހަކައަކީ ދެކޮޅު ޖެހޭނެ އެއްވެސް ހުއްޖަތެއް އޮތް ވާހަކައެއް ނޫން،" ހިސާން ވިދާޅުވިއެވެ.

އޭނާ ވަނީ އަނިޔާވެރިކަމާއި ހަމަނުޖެހުމަކީ އެމްޑީޕީން ދީލާލާނެ މާޒީއެއް ނޫން ކަމަށް ވެސް ހިސާން ފާހަގަކުރެއްވިއެވެ.