ކޮވިޑް19ގެ ހާލަތުގައި އިގްތިސާދު ކޮޅަށް ޖެހުމަށާއި ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދިނުމަށް އޭރު ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަަމާއި އެއީ ޕްލޭންކޮށްގެން ރޭވުންތެރިކަމާ އެކު ކަންކަން ކުރުމުގެ ނަތީޖާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

ރައީސް ވިދާޅުވީ އެ ދުވަހު ކޮވިޑު މެނޭޖުކުރި ގޮތުގެ ސަބަބުން، އިގްތިސާދު އެންމެ ކުރިއަރަމުންދާ 10 ގައުމުގެ ތެރޭގައި ރާއްޖެ މިއަދު ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެ ދުވަހު 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ.

"އެ ދުވަހު ލޯނު ނަގައިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ މިއީ. ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުން. ވިޔަފާރިތައް ބަނގުރޫޓް ވިޔަނުދިނުން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ..." ރައީސް ވިދާޅުވިއެވެ.

"ޕްލޭނެއް އޮވެ، ރޭވުންތެރިކަމެއް އޮވެގެން ކަން ކުރީމާ ފެންނަ މަންޒަރު މިއީ،"

ކޮވިޑް19ގެ ވަބާއާ ގުޅިގެން، ޓޫރިސްޓުން ރާއްޖެއައުން މަނާކޮށް، ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ހުޅުވިތާ މިއަދަކީ 3 އަހަރު ފުރޭ ދުވަސްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މާދަމާ މިއަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށެވެ. މިއަހަރު ތެރޭގައި 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ވަބާއަށްފަހު، އިގްތިސާދަށް ދެން ކުރިމަތިވީ ޔޫކުރެއިންގެ ހަނގުރާމަ ފެށުމުން، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ދަތިކަން ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ބޮޑުވެ، އިގްތިސާދަށް އެކަމުގެ އަސަރު ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މުލަކަށް ވެވަޑައިގެންނެވި ވައުދު:

މަސް ގަންނާނެ އުޅަނދެއް އެ ސަރަހައްދުގައި ގާއިމު ކުރުން
މުލަކުގައި އޭޓީއެމެއް ބެހެއްޓުން
ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
މުލަކާއި މުލީގައި ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް