ކުދި އާބާދީ އޮންނަ ރަށްތައް ތަރައްގީ ނުވަނީ އެއިރެއްގައި ވެރިއަކަށް ހުންނަ ބޭފުޅަކު ސިޔާސީ ވިސްނުން އިސް ކުރައްވާތީ ކަމަށްއެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުލަކު ދާއިރާ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނާލާފުއްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ލިސްޓުގައި އާބާދީ ކުދި ރަށްތައް އޮންނަނީ ލިސްޓުގެ އެންމެ ފަހަތުގައި ކަމަށެވެ. އެ ސިޔާސަތުތަކާއެކު ކުރިޔަށްދާ ކަމަށްވާ ނަމަ، ނާލާފުށި ފަދަ އާބާދީ ކުދި ރަށްތަކަށް ތަރައްގީގެ މަޝްރޫއުއެއް އަންނާނީ 15 އަހަރު ނޫން ނަމަ 20 އަހަރު ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން މި ބަދަލުވީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަދި އަޅުގަނޑުމެންގެ ކޯލިޝަންގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ ވަކި ރަށެއް ތަފާތު ނުކޮށް. އެ ރައްޔިތަކު ހުރި ތަނެއްގައި އެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވެން ޖެހޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 150 ރަށެއްގައި އިންޖީނުތައް ބަދަލުކޮށް ކަރަންޓުގެ ވިއުގަ ބަދަލުކުރެވި އަދި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތަކަކީ ކުރިޔަށް އޮތް 40 އަދި 50 އަހަރަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުއެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މިއިން ކޮންމެ މަޝްރޫއުއެއް ނިމޭއިރު އެތައް އަހަރުތަކެއް ވަންދެން އެއްވެސް ބަދަލެއް ނުގެނެސް އިންޖީނުގެތައް ހިންގޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ސަރުކާރަކުން ކަމެއް ކުރަން ވާނީ ދުރާލާ ދުރު މުސްތަގުބަލަކަށް ރާވައިގެން. އެއީ އަޅުގަނޑުމެންގެ ސިޔާސަތު. މި ވޭތުވެދިޔަ ތަނުގައި މިފަދަ ކުދި ކުދި ރަށްރަށަށް ތަރައްގީ ނައިސް މިއޮތީ އަޅުގަނޑު ދަންނަވާނީ އެއިރެއްގައި ހުންނަ ވެރިއަކު ސިޔާސީ ވިސްނުން އިސް ކުރައްވާތީ. އަބަދުވެސް ފެންނަނީ ކުރިޔަށް އޮތް ފަސް އަހަރަކުން ބާއްވާ އިންތިހާބު. އެހެންވީމަ އަމާޒު ހިފަނީ ވޯޓު ލިބޭ ތަންތަނަށް. ގިނައިން ވޯޓު ހުރި ތަންތަނަށް،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ވަކި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި ހުރިހާ ރަށަކަށް ވެސް އެ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ގެނެސްދީފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.