ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ކޮޅުފުއްޓަށް މުހިއްމު ހަތަރު ވައުދެއް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިހާރު އަތޮޅުތަކަށް ކުރައްވާ ކެމްޕޭނުގައި އެ ރަށަށް މިއަދު ވަޑައިގެން ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައިވެއެވެ.

އަދި އެރަށުގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މުޅި ރަށް ހިމާޔަތް ކުރުމަށް އިތުރު ތޮށި ޖަހާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެރަށުގައި 50 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށާއި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރައްވާނެ ކަމުގެ ވައުދުވެސް ރައީސް ވެވަޑައިގެންނެވިއެވެ.

ހަމައެއާއެކު އެ ރަށު ރައިރިން ރިސޯޓު ތަރައްގީކޮށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ ފުރުސަތުތަކެއް ހޯދައި ދިނުމުގެ ވައުދެވެ.

ކޮޅުފުށީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. 140 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ހިނގަމުން އަދި ނިިމެމުން އަންނަ ކަމަށާއި އަދި 158 ރަށެއްގެ އިންޖީނުގޭގެ ޖެނެރޭޓަރުތައް ބަދަލުކޮށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ 21 މަޝްރޫއުއެއް މި ދައުރުގެ ތެރޭގައި ކުރިޔަށް އެބަދާ ކަމަށާއި އޭގެތެރޭގައި 8 މަޝްރޫއުއެއް ނިމި އަނެއް 13 މަޝްރޫއުގެ މަސައްކަތް އެ ދަނީ ކުރިޔަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އޭގެ އިތުރުން 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ އެޕްރޫވްކޮށް މިހާރު ނިމި 104 މިލިއަން ރުފިޔާ ދޫކުރެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރިމަތިލައްވާނީ ކޯލިޝަންއަކާއެކުއެވެ. އެ ކޯލިޝަން ގައި ހިމެނެނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީކަން ރައީސް ސޯލިހު ދެއްވައެވެ.