ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޔާސަތަކީ ވަކި ވަރަކަށް އާބާދީ އޮންނަ ރަށްތަކަށް ތަރައްގީގެ މަޝްރޫއުތައް ގެނައުން ކަމަށާއި އެހެންނަމަވެސް ކޮންމެ ރައްޔިތަކީ ވެސް އެ ރައްޔިތަކަށް ހައްގުވާ އަސާސީ ހިދުމަތްތައް ލިބެންޖެހޭނެ ބައެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި މިއަދު މުލަކު ދާއިރާ އަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވަނީ ކޮޅުފުއްޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބާކީ ކޮށްލާފައިވާ ރަށެއް ކަމަށެވެ. ނަމަވެސް ތަރައްގީ ގެނައުމުގައި ނުވަތަ އެ ރަށަކަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމް ކޮށްދިނުމުގައި އެމީހަކު ދިރިއުޅޭ ތަނަކީ ސަރުކާރުން ބަލަންޖެހޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީގެ އަޅުގަނޑުމެންގެ ގުޅިފައި މިވާ ކޯލިޝަންގެ އަމާޒަކީ ތަސައްވަރަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއީ އެ އަމާޒަށް، ދަތިތަކާއި އުނދަގޫތައް ކުރިމަތިވި. އެހެންނަމަވެސް އެ ދަތިތަކާއެކުވެސް މިހެން ހުރި ރަށްރަށަށް ވެސް ބޭނުންވާ އަސާސީ ހިދުމަތްތައް އަޅުގަނޑުމެން މި ދިޔައީ ފޯރުކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވުނީ އޭގެ ފަހަތުގައި ގިނަ ކަންތައްތަކެއް ހުރެގެން ކަމަށް ވިދާޅުވަމުން ރައީސް ސޯލިހް ވިދާޅުވީ އޭގެ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި 140 އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ހިނގަމުން އަދި ނިިމެމުން އަންނަ ކަމަށެވެ. އަދި 158 ރަށެއްގެ އިންޖީނުގޭގެ ޖެނެރޭޓަރުތައް ބަދަލުކޮށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބިން ހިއްކުމުގެ 21 މަޝްރޫއުއެއް މި ދައުރުގެ ތެރޭގައި ކުރިޔަށް އެބަދޭ. އޭގެތެރޭގައި 8 މަޝްރޫއުއެއް ނިމި އަނެއް 13 މަޝްރޫއުގެ މަސައްކަތް އެ ދަނީ ކުރިޔަށް. 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ އެޕްރޫވްކޮށް މިހާރު ނިމި 104 މިލިއަން ރުފިޔާ ދޫކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކީ އަމާން ވެއްޓެއްގައި ރައްޔިތުންނަށް ދިރިއުޅެވޭނެ މަގެއް ހޯދައި ދިނުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިހާރުވެސް އަދި ކުރިޔަށް އޮތް ދައުރުގައި ވެސް މަސައްކަތްތައް ކުރިޔަށް ގެންދާނީ އެ އަމާޒަށް ކަމަށް ރައީސް ވިދާޅުވިއެވެ.