ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ޖަލުގައި އޮންނަވައިގެން ވެސް މެނިފެސްޓޯ ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ޖަލްސާއަށް ފަހު، މާލޭގައި އިދިކޮޅުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ޔާމީން ޖަލުގައި ހުންނަވައިގެން ޕީޕީއެމްގެ މެނިފެސްޓޯ ހައްދަވައި، ދިވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދާނެ ފޯމިލާ ނެރެދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ކުރައްވަނީ އެއްވެސް ވަރުބަލިކަމެއް ނެތި ކަމަށް ވިދާޅުވިއެވެ.

"އެމަނިކުފާނު އެ ގެންދަވަނީ ޖަލުގައި ހުންނަވައިގެން ވެސް ތަސައްވުރު ކުރައްސަވަމުން. މެނިފެސްޓޯ ހައްދަވަމުން. ދިވެހިންގެ ބޯހިޔަވާހިކަމަށް ހައްލު ހޯދާނެ ފޯމިއުލާ ނެރެމުން. ދިވެހި ޒުވާނުންގެ ކުރިމަގު ކުރައްސަވަމުން އެ ގެންދަވަނީ. އެންމެ ދުވަހަކު ވެސް ވަރުބަލިކަމެއް ނެތި،" ސައީދު ވިދާޅުވިއެވެ.

ޔާމީން ޖަލަށްލާފައި ވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެމަނިކުފާނަށްކޮށްފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޔާމީން ޖަލަށްލައިގެން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކެމްޕެއިން ކުރެއްވުމަށް ފުރުސަދު ދީގެން ނުވާނެ ކަމަށާއި ރަށް ރަށުން އެ ފުރުސަތު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމީން ޖަލަށްލުމުން، އެކަމާ ދެކޮޅަށް ދިވެހިން ތެދުވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ ޖަޒުބާތާ ނުކުޅުމަށް އޭނާ ގޮވާލެއްވިއެވެ.

"ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ދިވެހިންގެ ޖަޒުބާތާ ކުޅެން ސާލިހު އުޅުނީމަ ހައްތާ ގޯސް ވާނީ. ހައްތާ ގޯސްވާނީ،" ސައީދު ވިދާޅުވިއެވެ.

ޕީޕީއެމުން މިރޭ ބޭއްވީ ޔާމީންގެ ކެމްޕެއިން ފުރަތަމަ ޖަލްސާއެވެ. އާޓްފިޝަލް ބީޗުގައި މިރޭ 9 ޖެހިއިރު ފެށި އެ ޖަލްސާގައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވާހަކަ ދެއްކެވުމަށްފަހު ސަޕޯޓަރުންނާ އެކު މާލޭގެ މަގުތަކަށް ނުކުމެ، ޔާމީން މިނިވަން ކުރަން ގޮވާލާފައިވެއެވެ. އަދި ރައީސް ސާލިހަށް ނިސްބަތްކޮށް "ޗޯރޭ" ގޮވަމުން މުލިއާގެ ކައިރިއަށް އެއްވާން މަސައްކަތް ވެސް ކުރިއެވެ. މުޒާހަރާގެ ބައިވެރިންނަށް މުލިއާގެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ރަޔަޓް ސިފައިން ވެސް މިރޭ ވަނީ ނެރެފައެވެ.

މުޒާހަރާގެ ބައިވެރިން މިރޭ ވަނީ އެއްވުން މަނާ ސަރަހައްދު ކަމަށްވާ ގްރީން ޒޯން ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ހިމެނޭ އިމާރާތް ކައިރިއަށް އެއްވެ، މުޒާހަރާކޮށްފައިވެއެވެ.

މިރޭގެ މުޒާހަރާގެ އިސް ސަފުގައި ތިއްބެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލެވެ.

މުޒާހަރާގެ ތެރެއިން މިރޭ ވަނީ މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް މިރޭ ހައްޔަރުކުރިއެވެ.