ކޮވިޑް19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަހަރު [2023ވަނަ އަހަރު]ގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ "މިނިވަން އުފާ - މުޅި ރާއްޖެއިން" މި ޝިއާރުގެ ދަށުންނެވެ. އެގޮތުން މިމަހުގެ 25 ން ފެށިގެން އޯގަސްޓްމަހުގެ 4 ވަނަ ދުވަހާ ހަމައަށް އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން މިނިވަން ދުވަސް ފެށިގެން ދާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުންނެވެ. އަދި ޖެހިގެން އަންނަ ޖުލައި މަހުގެ 26ވަނަ ދުވަހު ހެނދުނު 6:00 ގައި މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

މީގެއިތުރުން އެމްއެންޑީއެފް އާއި ގައުމީ ކެޑޭޓް ކޯ ގުޅިގެން ބާއްވާ ޕެރޭޑް މިމަހުގެ 27ވަނަ ދުވަހުގެ އޮންނާނެއެވެ. ހަމަ އެ ދުވަހު ފުޅަނދުބުރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިނިވަން ދުވަހު އާބަންކޯ އާއި ގުޅިގެން "މިނިވަން އުފާ"ގެ ނަމުގައި ހާއްސަ ކާނިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ކާނިވާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

މާލޭގެ އިތުރުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުޅުއްދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން، އިތުރު 10 ރަށެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.