ހުވަދު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އިއްޔެ ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. އެ އަތޮޅު ބޮޑުވުމުގެ ސަބަބުން އިދާރީ ގޮތުން ދެ ދާއިރާއަކަށް ވަނީ ބަހާފައެވެ. އެއީ ގއ. އަތޮޅާއި ގދ. އަތޮޅެވެ. މުޅި ހުވަދު އަތޮޅުގައި 4 އެއާޕޯޓް ހިންގަމުންދާއިރު، އެ އަތޮޅުގެ އާބާދީއަކީ 36،000 ވުރެ ގިނައެވެ.

އާރުޓީއެލް އޮޕަރޭޓުކުރާ އެމްޓީސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގއ އަދި ގދ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އެއް ހަފުތާގެ މުއްދަތަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި ޓްރަޔަލް ޕީރިއަޑްގެ މަގްސަދަކީ ކަސްޓަމަރުން ހޭލުންތެރި ކުރުވުމަށާއި އަހުލުވެރިވުމަށް މަގުފަހި ކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ. ޓްރަޔަލް ޕީރިއަޑް ހުއްޓާލުމާއެކު މިމަހުގެ 20ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ޓިކެޓް ގަތުމުން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

https://twitter.com/MTCCPlc/status/1679377766729551875?s=20

އާރްޓީއެލް ފެރީގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު އާރްޓީއެލް ބްރޭންޑް 6 ސްޕީޑް ފެރީ މެދުވެރިކޮށް ތަފާތު 9 ރޫޓެއްގައި ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. ފެރީ ޝެޑިއުލް އާރްޓީއެލް ޓްރެވަލް އެޕްލިކޭޝަނާއި އާރްޓީއެލް ވެބްސައިޓުން ލިބޭނެ ކަމަށާއި އަދި ހުވަދު އަތޮޅުގެ ހުރިހާ ކަސްޓަމަރުންނަށް އާރްޓީއެލްއާއެކު އުފާވެރި އުފާވެރި ތަޖުރިބާއަކަށް އެކުންފުނިން ވަނީ އެދިފައެވެ.
އާރްޓީއެލް ފެރީގެ ނިޒާމު:
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ “ކޮމިއުޓް ލިންކް،” “ނަން-ކޮމިއުޓް ލިންކް،” އަދި “ހައިވޭ ލިންކް” މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އާރުޓީއެލް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށެކެވެ.

މި މަޝްރޫއު އަކީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމުމުން ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރުމަށް 80 ވަރަކަށް ލޯންޗު ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެކެވެ. އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ. އާއްމު ގޮތެއްގައި 14 ލޯންޗެއް އެކަމަށް ބޭނުން ކުރާއިރު އެއްވެސް ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އަބަދުވެސް ބެކަޕްގައި ތިން ލޯންޗު އޮންނާނެއެވެ.