އެންމެ ގިނަ ދުވަހު އެޕާޓީއެއްގައި އުޅުއްވި އަދި އެޕާޓީއެއްގެ ޓިކެޓުގައި ރާއްޖޭގެ ރައީސް ކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލާނެ ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އަކީ ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. ނަޝީދު ވަނީ ޑިމޮކްރެޓުން އުފެއްދުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އެޕާޓީ އުފެއްދީ މަޖިލީހުގައި ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން، އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހުއެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހާއި ހަމައަށް އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ނަޝީދު ރޭ ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ. އާޓްފިޝަލް ބީޗުގައި އޮތް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ތަކުރާރުކޮށް އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ އިން ވަކިވާން ޖެހުމަކީ ވަރަށް އުނދަގޫވި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެޕާޓީގައި އުޅުނީ ވަކި ކުލައަކަށް ވަކި ލަވައެއް ރީތި ވެގެން ނޫން ކަމަށާއި އެޕާޓީގައި ހުރެގެން ވެސް ކުރެއްވި މަސައްކަތަކީ ރާއްޖޭގައި ވަކި ފިކުރެއް ދިރުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދޮށީ ދަރިއަށް 24 އަހަރު. އޭނާ ބުނީ، ނޫން، ބައްޕަ އުޅުނީކީ ކުލައަކާ ރައްޓެހިވެގެނެއް ނޫނޭ. ބައްޕަ އުޅުނީ ލަވަޔަކާ ގަޔާވެގެނެއް ނޫނޭ. އަޅުގަނޑުމެން އުޅުނީ ފިކުރެއް ދިރުވާށޭ،" ނަޝީދު ވިދާޅުވިއެވެ.

މިވަގުތު ވެސް އެމްޑީޕީގައި ނަޝީދުގެ ބައެއް ރަހުމަތްތެރިން އެބަ ތިއްބެވި ކަމަށާއި އެހެންނަމަވެސް އެބޭފުޅުން މިއަދު ތިއްބެވީ ގޯސް ތަނުގައި ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މާއްދީ ތަނަވަސް ކަމަކަށް ގޮތް ދޫނުކޮށްލެއްވުމަށް އެދިވަޑައިގެންފައެވެ.

"މާއްދީ ތަނަވަސްކަމަކަށް ގޮތް ދޫނުކޮށްލައްވާށޭ. އެ އަނބުރައެއް ނުލިބޭނެ. އެސްއެމްއީ ބޭންކަކުން ނުލިބޭނެ ތިމާގެ އުސޫލެއް،" ނަޝީދު ވިދާޅުވިއެވެ.