އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ރާއްޖެ ދާނީ ބާރަށް ކުރިއަށް ކަމަށާއި އެމަނިކުފާނު ދިވެހި އެންމެހާ ރައްޔިތުން އުފާ ކޮށްދެއްވާނެ ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މިއަދު ވަނީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އެގޮތުން ކެމްޕެއިނުގެ ހަތްވަނަ ރަށެއްގެ ގޮތުގައި ރައީސް ވަނީ މާފުއްޓަށް ވަޑައިގެންފައެވެ.

މާފުށީގައި މިރޭ ބޭއްވި ކެމްޕެއިންގެ ބޮޑު ޖަލްސާގައި ވާހަދައްކަވަމުން ސިޔާމް ވަނީ ކުރީގެ ބައެއް ރައީސުން މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ މުހައްމަދު ސއވ އަށް ފުރައްސާރަ ކުރައްވާފައިވާ ކަމަށާއި ބައެއް ގައުމުތަކަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ވަޑައިގެން ވެސް އެފަދައިން ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެކަން ކުރުމަކީ އާއްމު ކަމަކަށްވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އުފާކުރަން މިއަދު އެމްޑީޕީގެ ތެރޭގައި އެ ލާދީނީ ފިކުރު އަޅުގަނޑު އެންމެ އުފާ ކުރާ ކަމެއް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އުފާ ކުރަނީ އެކަމާ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަފުޅުގައި މިއަދު ވެރިކަމުގައި ހުންނެވީ ދީން ކުރިއެރުވުމަށް ހުންނެވި ވެރިއެއް ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑުގެ ދެ އަހަރު ނުލާ، ތިން އަހަރުގެ ތެރޭގައި ދިވެހިން ބޭނުންވާ އެތައް ކަމެއްގެ 90 ޕަސެންޓު ކޮށް ނިމިފައިވާ ކަމަށެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ އެ ރައްޔިތުން ބޭނުންވާ އަވަސް މިނުގައި ކަންކަން ވެގެން ދިއުން ކަމަށެވެ. ކަމަކަށް ވައުދު ވެއްޖެ ނަމަ އެކަމެއް އެންމެ އަވަސް މިނެއްގައި ކުރެވިފައި ހުރީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަމަށް ސިޔާމް ވިދާޅުވިއެވެ. އެކަންތައް ކުރެވިގެން ދަނީ ބަސް މަދުކޮށް އަމަލު ގިނަކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ.، މަޑު މައިތިރިވުމުގެ އެންމެ މަތީ ދަރަޖަ،" ސިޔާމް ވިދާޅުވިއެވެ.