ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގެންނެވި ހަތް ވަނަ ރަށް، ކ. މާފުށިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ކޯލިޝަން ޕާޓުނަރުން ކަމަށްވާ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އެކު މާފުށްޓަށް ރައީސް ވަޑައިގެންނެވުމުން، އެންމެ ފުރަތަމަ ވެސް މާފުށިން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހެވެ. އެއަށްފަހު، މާ ބޮޑިތަކެއް އެމަނިކުފާނަށް ވެދުމަށް އެރުވުމަށްފަހު، ސަގާފީ ހަރަކާތްތެއް ކުރިއަށް ގެންދިޔައެވެ. ސަންގުގެ އަޑު ތިން ފަހަރަށް ފުމުމަށްފަހު، ކުރިއަށް ގެންދިޔަ ދަނޑިޖެހުމުގެ ހަރަކާތުގައި އަންހެން ފިރިހެނުން ބައިވެރިވިއެވެ.

https://twitter.com/hathavees/status/1679496221776564224?s=20

މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކަށްފަހު، ރައީސް ވަނީ އެމަނިކުފާނާ ސަލާމް ކުރެއްވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިބި މީހުންނާ ސަލާމްކޮށް، ފޮޓޯ ނަންގަވާއެވެ. އަދި ބައެއް ބޭފުޅުންނާ ވާހަކަ ދައްކާލައި، މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި އެންމެ ކުރިއަރާފައިވާ މާފުށްޓަށް ރައީސް ވަޑައިގެންނެވުމުން، މަންޒަރު ބެލުމަށް އެ ރަށުގައި ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

މާފުށްޓަކީ ރައީސް ކެމްޕެއިންގައި ވަޑައިގެންނެވި ހަތް ވަނަ ރަށެވެ. އެމަނިކުފާނު ކެމްޕެއިން ދަތުރުތައް ފެއްޓެވީ މިދިޔަ އާދީއްތަ ދުވަހު ށ. ކޮމަންޑޫއިންނެވެ. މިރޭ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާ މާފުށީގައި އޮންނާނެއެވެ.

[caption id="attachment_55117" align="alignnone" width="1620"] ކ. މާފުށިން ރައީސަށް މަރުހަބާ ދަންނަވަން ނުކުމެ ތިބި ޒުވާނުން-- ފޮޓޯ/ އެމްޑީޕީ[/caption]

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުލަ ގަދަކޮށް، ފޯރިއާ އެކު، ރައީސްގެ ޓީމުން ވަނީ ފަށާފައެވެ. މާލޭގައި އިއްޔެ ދޮރުން ދޮރަށް ހިންގެވިއިރު، މިއަދު ކުރިއަށް މިދަނީ ކ. ގުރައިދޫ ދާއިރާގެ ތިން ރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެވެ. މިއަދު މެންދުރުފަހު ރައީސް ވަނީ ކ. ގުޅި، އަދި ކ. ގުރައިދޫއަށް ވަޑައިގެންފައެވެ.

މާފުށްޓާ އެކު، ގުރައިދޫ ދާއިރާގެ މި ތިން ރަށުގެ ކެމްޕެއިން ނިންމާލުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މިރޭއެވެ.