ސިޔާސީ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެއްވެސް ބަޔަކު ކައިރި ނުވާނެ ކަމަށާއި، އެ ޕާޓީއަކީ މިއަދު ކަރަންޓީނު ކުރަން ޖެހިފައިވާ ޕާޓީއެއް ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ގުރައިދޫގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެކުގައި ކުރިޔަށް ދިއުމަށްޓަކައި ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ވަޑައިގެންނެވި ކަމަށެވެ. އެކަމަށް މަރުހަބާ ވެސް ދެންނެވިން ކަމަށާއި އަދި އެބޭފުޅުންނާއި ދެ ސުވާލެއް ކުރިމަތި ކުރެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެއް ސުވާލަކީ ތިބޭފުޅުންގެ ކެންޑިޑޭޓުންނަކީ ކޮން ބޭފުޅެއްތޯއޭ. ވިދާޅޫވީ އޭ ޓު ޒެޑަށް އޮތީ ޔާމީން އަބްދުލްގައްޔޫމޭ. އަޅުގަނޑު ދެންނެވިން ބަލަ ޔާމީން އަބްދުލްގައްޔޫމަކީ ޖިނާއީ ކުށެއް ކޮށްގެން ހަރުގޭގައި އޮތް ބޭފުޅެއް ނޫން ހެއްޔޭ. ދެން ކިހިނެއް ހެއްޔޭ އަޅުގަނޑުމެން [އެމްޑީއޭ] އިން ކޯލިޝަނެއް ހަދާނީ. މިއީ މުސްތަހީލު ކަމަކޭ ތިން މަރުހަލާ ކަޑަތުވެގެން އައިސް އެމަނިކުފާނު މިނިވަން ވީމާ ނޫންތޯއޭ އަޅުގަނޑުމެންނަށް ކޯލިޝަނެއް ހެދޭނީ. އަނެއް ނުކުތާ އަކީ އަޅުގަނޑުމެން ބޭނުމެއް ނުވޭ ދުނިޔޭގެ ނަން ހިނގާ އެއްބާރު ދެބާރު ތިންބާރުގެ ތެރޭގައި ހިމެނޭ ގައުމެއް އައުޓު ގޮވާކަށް،" ޕީޕީއެމް އިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ގޮތުން މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ވަކި ގައުމަކާއި ޖައްސާލައިގެން އެ ގައުމެއް ބޭރު ކުރުމަށް ގޮވާލުމަކީ އެމްޑީއޭ އިން ކުރާނެ ކަމެއް ނޫން ކަމަށެވެ. މައުރޫފްގެ ވާހަކަފުޅުގައި ވަނީ މޮރީޝަސް އަށް ރާއްޖޭގެ ކަނޑުން ބައެއް "ވިއްކާލި" ކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ގުޅިގެން ބޭއްވި ޖަލްސާ އާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެ ޖަލްސާގައި ބަޔަކު މީހުން "އިންޑިއާ އައުޓް" ބެނާއެއް ދެމި ހިސާބުން އެ ޖަލްސާ "ޗޮކުން" ދިޔަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަރަންޓީނު ކުރަންޖެހޭ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ޕީޕީއެމް އަކީ. އެއީ ކުރީ ޒަމާނުގައި ވެސް ތޯއޫނު ބަލި އުފެދިއްޖިއްޔާ އެބައި މީހުންނާއި އެއްވެސް މީހަކު ކައިރިއެއް ނުވާނެ. އެގޮތަށް މިއަދު ސިޔާސީ ގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާއި ކައިރިއެއް ނުވާނޭ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހިފައިވާ ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަނީ ސިޔާސީ އެއްވެސް ލީޑަރު ޖަލަށް ލައިގެން ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.