ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު އެމް.އެން.ޔޫގެ އޮޑިޓޯރިއަމްގައެވެ. އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ޑރ. އިބްރާހީމް ހަސަނާއި އޮޑިޓާ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެ ސްކޮލާޝިޕް ސްކީމަކީ، 2021 ވަނަ އަހަރު މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެމަނިކުފާނުގެ ތަސައްވަރު، ދިވެހި ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކޮށް ފަންނީ އެކައުންޓެންޓުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.
އަދި މިދިޔަ އަހަރު ތަނަވަސްކޮށްދެވުނު ސްކޮލާޝިޕް ފުރުސަތުތަކަށްވުރެ މިއަހަރު ތަނަވަސްކޮށްދެވުނު ފުރުސަތުތައް ގިނަވުމަކީ ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ފަންނީ ހުނަރުވެރިކަމުގެ މަސައްކަތްތެރިކަމުގެ ވަރަށް ގިނަ ދާއިރާތައް ބޭރުމީހުންގެ އަތްމަތީގައި އޮންނައިރު، ޚާއްޞަގޮތެއްގައި އެކައުންޓެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް ގިނަ ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްޗަށް ބަރޯސާކުރަން ޖެހުމުގެ ސަބަބުން ވަރަށް ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުވެގެން ދާއިރު، އެކައުންޓެންޓުން ފަދަ މުހިންމު މަސައްކަތްތެރިންގެ ގޮތުގައި ދިވެހީން ހަމަޖެހުމުން، ދިވެހި ވިޔަފާރިތައް ދިވެހީންގެ އަތްމައްޗަށް އައިސް އިތުރަށް ފުޅާވެ، ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވި ވެގެން ދާނެކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިން ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ، ދިވެހީން، އެކައުންޓެންޓުންގެ ގޮތުގައި ތަމްރީނުކޮށް ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމެވެ. އެ ޕްރޮގްރާމްގެ ސަބަބުން، ރާއްޖެއިން އެ ދާއިރާގައި ބޭރު މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެން ދާނެއެވެ.
އެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، ވޭތުވެދިޔަ އަހަރު 173 ފަރާތަކަށް، ފުރުސަތު ދީފައި ވެއެވެ. މިއަހަރު 211 ފަރާތަކަށް ސްކޮލާޝިޕް ދީ، ސްކޮލާޝިޕްގެ ލިޔުން އެ ފަރާތްތަކާ މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރެވުނެވެ. އެއީ، ޕަބްލިކް ކެޓެގަރީން 50 ފަރާތަކާއި އޯޕަން ކެޓެގަރީން 161 ފަރާތެކެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިޔަށް ގެންދާ އެ ސްކޮލާޝިޕް ސްކީމް ހުޅުވާލެވުނީ ACCA ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް، CIMA މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލްއިން އެކައުންޓެންޓުން ތަމްރީނުކުރުމަށެވެ. ސްކޮލަރޝިޕް ލިބޭ ފަރާތްތަކުން ކިޔަވައި ނިމުމުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖޭގައި ހިދުމަތްކުރުމަށް ޝަރުތުކުރެވޭނެވެ.