ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހުގެ އަމާޒަކީ އެއްލައްކަ މީހުންގެ ވޯޓުން ފެށުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދައިފައެވެ. މީގެތެރެއިން އެންމެ މެންބަރުން ގިނައީ އެމްޑީޕީގައެވެ. އެއީ 58،035 މެމްބަރުންނެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބިއިރު އަދަލާތު ޕާޓީގައި 9،595 މެމްބަރުން އެބަ ތިއްބެވެ. މި ތިން ޕާޓީގެ އާއްމު މެންބަރުން އެއްކޮށްލުމުން 77،000 މެންބަރުން އަރައެވެ.

އެހެންކަމުން ކެމްޕެއިން ހަރަކާތްތަކުގައި ރައީސް އަންނަނީ މިއީ މިހާތަނަށް އިންތިހާބެއްގައި ނިކުންނަ އެންމެ ބޮޑު ކޯލިޝަން ކަމަށް ވިދާޅުވަމުންނެވެ.

އެގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ކ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ގުރައިދޫގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް މިއަދު ވެސް ވަނީ އެ މޭރުމުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް 2019ވަނަ އަހަރު ނިކުތްއިރު އެމްޑީއޭ އިން އޭރުވެސް އެމްޑީޕީއާއެކު މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އެޕާޓީގެ ފުރިހަމަ ތާއީދު އެމްޑީޕީ އަށް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ނިކުންނަނީ ވެސް އޭރުގައި އެއްބަސްވެވުނު ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެދުވަހު ވޯޓުލާއިރުގައި އެއްލައްކަ ވޯޓުން ފެށުން. ހަމަ ކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް. އަޅުގަނޑު ހިތުން މާލެ އަތޮޅުން އެކަނިވެސް އެކަން ވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ށ. އަތޮޅު މަރޮއްޓަށް ވަޑައިގެން ވާހަކަދައްދަކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އަދި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އަމާޒަކީ މިހާރު އުފެދިފައިވާ ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދު އިތުރު 20،000 އަށް އިތުރުކޮށް ޖުމްލަ އަދަދު 90،000 އަށް ހެދުން ކަމަށެވެ