ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ނުދެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ކ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ގުރައިދޫގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ރައްޔިތުން ބޭނުން ވަނީ ތަރައްގީ ކަމަށް ވިދާޅުވެފައެވެ. ތަރައްގީ އަކީ ހިތަށް ފިނިކަން ގެނެސްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ގުރައިދޫ ދާއިރާ އަށް ވީ ވައުދުތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އޭގެތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ބިން ހިއްކުމުގެ ވައުދުކަން ފާހަގަކުރައްވާފައެވެ.
ރައްޔިތުން ގާތުގައި އެ ދުވަހު ވީ ވައުދު ފުއްދަވާފައިވާ ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށް އައިއިރުގައި ވެސް ރަށު ކައުންސިލުން ރައްޔިތުންނަށް ގޯތި ދޫކުރަން ނޫޅޭތީ ރައީސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އޭގެ އިތުރުން ވެސް ގުރައިދޫ އަށް ސަރުކާރުން ވީ ވައުދުތައް ފުދިގެން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރުގައި ވެސް އެކަން ނުކޮށް [ހިއްކި ބިމުން ގޯތި ނުދީ އޮތުން] ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް. ސަރުކާރުން އެއޮތީ ބޮޑު ބިމެއް ހިއްކައިދީފައި. ރައްޔިތުން މިރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވޭންވީ އެއްވެސް ސަބަބެއް މިރަށުގައި ނެތް. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށް ވަންޏާ ގެންނަންޖެހޭ ބަދަލެއް ގެނެސްގެން ވެސް ގާނޫނަށް ބަދަލު ގެނެސްގެން ވެސް މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް ޖާގަ ނުދޭން ގުރައިދޫގެ ރައްޔިތުން ދެން ދަންނާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހާދިމުންނަށް އިންތިހާބު ކުރަން ބޭނުން ވަނީ އެ ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދޭ ބައެއް ކަމަށެވެ.
ގުރައިދޫ އަށް ވަޑައިގެން ރައީސް ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެރަށަށް ބައެއް ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފްލެޓު ނޫނީ ރޯ ހައުސް އަޅުއްވައި ދެއްވާނެ ކަމަށާއި ޒުވާނުން ބޭނުންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒުވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.