ވެރިކަމުގައި ތިބޭ ބަޔަކު މުޒާހަރާ ކުރުމަށް ނިކުންނަން ޖެހުމަކީ އެކަމާއި މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ކ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ގުޅި އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ތިބެ މުޒާހަރާ އަށް ނިކުތް މަންޒަރަކީ ވެސް ދިވެހި ރައްޔިތުންނަށް ފެނިފައި އޮތް މަންޒަރެއް ކަމަށެވެ. ނަމަވެސް ވެރިކަމުގައި ތިބޭ މީހުން މުޒާހަރާ ކުރަން ނިކުންނަން ނުޖެހޭނެ ކަމަށާއި އެކަން ކުރާނީ އިދިކޮޅު ފަރާތްތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ނިކުންނާނެ [މުޒާހަރާއަށް]. ހިޔާލުފާޅު ކުރާނެ. މުޒާހަރާ ކުރާނެ. އެހެންނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނިކުމެ މުޒާހަރާ ކުރަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް. އެ ސިޔާސަތާއި ދޭތެރޭ އަޅުގަނޑުމެން ވިސްނަން ޖެހޭ. ގައުމުގެ އަމާންކަން ބަލަން ހަމަޖެހުން ބަލަހައްޓަން ފުލުހުންނާއި ސިފައިން އެބަތިބި. ސަރުކާރުގައި ތިބޭ ބަޔަކަށް ނުޖެހޭނެ އެގޮތަކަށް ކަންތައް ކުރާކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ވެރިކަމުގައި ޖަލަށް ނުލާ އެކަކުވެސް ނެތް ކަމަށެވެ. ސަރުކާރާއި ދެކޮޅަށް ހިޔާލުފާޅު ކުރި ސިޔާސީ ލީޑަރެއް އަދި އާއްމު ރައްޔިތެއް ނޫސްވެރިއެއް ކަމުގައިވީ ނަމަވެސް ޖަލުގެ ތޭރިތަކުގެ ތެރެއަށްލާ ބަންދު ކޮށްފައިވާ ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އިން ވެރިކަމާއި ހަވާލުވީ، އެފަދަ ނުރައްކާތެރި ހާލަތެއްގައި ގައުމު އޮއްވާ ކަމަށާއި ރައްޔިތުން އެ ޒިންމާ ހަވާލުކުރީ ރާއްޖެ އަށް ހަމަޖެހުމާއި އަމާންކަން ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިވި ދަތިތައް ވަރަށް ގިނަކަން ފާހަގަކުރެއްވިއެވެ.

"ކޮވިޑުގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް މުޅި ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ދަތިތަކާއެކުވެސް އަޅުގަނޑުމެން ކެތްތެރިކަމާއެކު އެ ނިންމި ނިންމުންތަކުގެ އަލީގައި އިރާދަކުރެވިއްޔާ މިއަދު މިއޮތީ އަމާން ބަނދަރަކަށް އާދެވިފައި،" ރައީސް ވިދާޅުވިއެވެ

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ކުރެވޭނީ ގައުމުގައި ހަމަޖެހުން ގާއިމް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.