ބޯހިޔާވަހިކަމަށް ހައްލު ލިބޭނެކަމުގެ އުންމީދު ގެތަކަށްވަނުމުން ފާހަގަވެއްޖެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބަށް "ބިޔަ" ކޯލިޝަންއާއެކު ވާދަކުރައްވާ ރައީސް ސޯލިހު މާލޭގެ ޑޯޓުޑޯ ހަރާކާތް ވަނީ މިހާރު ފެށިފައެވެ. މިއަދު ހިންގެވި ގަލޮޅު ދެކުނު ދާއިރާގެ ގެތަކަށެވެ.

އެ ހަރަކާތުގެ ތެރެއިން މީޑިއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުތަކަށް ފަރިތަވެފައިވާ އެމްޑީޕީން ކަންކަން ކުރަނީ ރައްޔިތުންނާ ގާތުން، އެ ރައްޔިތުން އަޑުއަހައިގެން ކަމަށެވެ. އަދި ބޭނުންވާ ކަންތައްވެސް ކޮށްދީގެން ކަމަށެވެ.

މިސާލު ޖެއްސެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުންނެވެ. ވިދާޅުވީ މިހާރު ތަންފީޒުކުރަމުންދާ ގިނަ ކަންކަމަކީ އޭރު ރައްޔިތުން އެދުނު ގޮތް ކަމަށެވެ. އެއަށް ފަހު ވިދާޅުވީ އޭރުވެސް ރައްޔިތުންނަށް އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުން ކަމަށެވެ. އެކަމަކު ކުރީގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމާ މެދު ގިނަ ބަޔަކު ތިބީ ޝައްކެއްގެ ތެރޭގައި ކަމަށާއި މިއަދު އުއްމީދު އާވެއްޖެ ކަމަށެވެ.

https://twitter.com/MDPSecretariat/status/1679113283419402243

"އެކަމަށް (ބޯހިޔާވަހިކަން) ހައްލެއް ލިބޭނެކަމުގެ އުއްމީދު މިއަދު އަޅުގަނޑު ވަތް ގޭގެއިން ފާހަގަވެއްޖެ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝައްކު އުފެދެނީ މީގެ ކުރިން ކަންކަން ކޮށްފައި އޮތް ގޮތުން ކަމަށެވެ. ދެއްވި ޔަގީން ކަމަކީ މި ފަހުން ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ލިސްޓުގައި އޮތްނަމަ ލިބޭނެ ކަމެވެ.

"އަދި އިއުލާނެއް ކޮށްލިޔަސް ޝައްކު އޮންނަނީ ކުރީގައި ކަންކަން ވެފައި އޮތް ގޮތުން. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކޮށް އެ ބޭފުޅުންނަށް ދެންނެވިން ލިސްޓުގައި ލިބޭނެކަމެއް އޮތިއްޔާ ލިބޭނެ،" ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ސުވާލުކުރުން ރައީސް ދެއްވި ޔަގީންކަމަކީ "އެއް ބުރުން" ކާމިޔާބު ކުރާނެ ކަމެވެ. ވިދާޅުވީ މަސައްކަތްކުރަނީ 2018 ގެ ޓާގެޓް ހާސިލްކުރުން ކަމަށެވެ. އެކަމަކު އެކަން ކުރަން މަސައްކަތްތަަކެއް ކުރަން ޖެހޭ ކަމަށާއި، ސަރުކާރުން ކޮށްފައި ހުރި ކަންކަން ރައްޔިތުންނަށް ކިޔައިދިނުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި ކަންތައްތައް ކުރި ގޮތާއި ދިމާވި ދަތިތައް ހާމަކޮށްދިނުން" ވިދާޅުވިއެވެ. އޭގެ ސަބަބުން، ބަޔަކު އޮޅުވާލައިގެން ވާހަކަ ދެއްކިޔަސް ރައްޔިތުންނަށް ކަންކަން ހިނގަމުންދާގޮށް ސާފުކޮށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.