ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާ ކުރުމަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ގެންދާ އަދީވު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ކަރެކްޝަންސް އިން ހުއްދަ ދިނުމުންނެވެ.

އެހެންކަމުން މިރޭގެ ވަގުތެއްގައި އަދީބު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.

https://twitter.com/mtdsecretariat/status/1678837563833073665?s=46&t=M9M5hUKhSMLW6TzFVtCYOQ

ކަރެކްޝަންސް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކުރީގެ ނާއިބު ރައީސް އަދީބު ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސާވިސް އިން ދީފައިވާ ކަމަށެވެ.
އަދީބުގެ މައްސަލަ:
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ހުކުމް ކުރުމުގެ ތިން ދުވަސް ކުރިން އަދީބުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ގެއަށް ވަނީ ބަދަލުކޮށްފައެވެ.

އަދީބަށް ކޮށްފައިު ވަނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އަދީބަށް ކުރި ހަތް ދައުވާ އަށް ކަނޑައެޅި އަދަބުތައް:
1) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

2) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

3) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

4) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

5) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން،

6) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

7) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައި

އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ އަށް މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އަދީބު ވިދާޅުވީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ވެސް އޭނާ އަށް ކުރެވުނު ކަންކަމާއި މެދު ހިތާމަ ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،" އަދީބު ވިދާޅުވިއެވެ.
މިއީ މި މައްސަލާގައި އަދީބު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިލެއްވި ފުރަތަމަ ފަހަރެވެ.