ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތަށް ދައުލަތުން އަނބުރާ ގެންދެވުމާއެކު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި މިވަނީ ދެ އަހަރާއި ފަސް މަސް ފަހުންނެވެ.
އަލީ ވަހީދުގެ މައްޗަށް 6 ދައުވާ އެއް ދައުލަތުން ކުރިއެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައެވެ.
އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަލީ ވަހީދުގެ މައްޗަށް ހަތަރު ދައުވާ އެއް އުފުލާފައިވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ދެ ދައުވާ އެއް އުފުލާފައިވެއެވެ.
ނަމަވެސް މިދިޔަ މަހުގެ 14ވަނަ ދުވަހު ދައުލަތުން ވަނީ އަލީގެ މައްޗަށް އުފުލި ދައުވާތައް ކުރިޔަށް ނުގެންދިއުމަށް ނިންމައިފައެވެ.
ރާއްޖެ ވަޑައިގެން މާލޭގެ އެއް ނަންބަރު ފާލަން [އިއްޒުއްދީން ޖެޓީ] ސަރަހައްދުގައި ހުންނަވާ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިއަދު ވެސް ވިދާޅުވީ އޭނާ އަށް ކުރި ތުހުމަތުތަކަކީ ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށެވެ. ވިދާޅުވީ އެކަން ކުރެއްވީ އޭނާ ވަރަށް އިތުބާރު ކުރައްވާ ސިޔާސީ ފަރާތްތަކެއް ކަމަށެވެ.
މީގެކުރިން އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ފޯނު އޭނާގެ އަތަށް އެރި ކަމަށާއި އޭގައި ހުރި މެސެޖުތައް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި "ދެތިން މީހެއްގެ ބަނޑު ފެޅުމަކީ" މައްސަލައެއް ކަމަށެވެ.

"މިސާލަކަށް ރައީސް ޔާމީން. ޖަލުގައި. އަދީބު، އަބަދު ގޭ ބަންދުވެފައި. ދެން ހަމަ އިރުއިރުކޮޅާ ސިޔާސީ ލީޑަރުން ލިސްޓުތައް [އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ] ހަދާ. ހަމަ އެ ލީޑަރުންގެ ފަހަތުގައި އެބައުޅޭ އެ ލިސްޓުގައި ނަން އޮތް މީހުން،" އަލީ ވަހީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ވާހަކަ ދައްކައިގެން ދެކެވެނީ މުޅިން "ހަރާބު" ވާހަކަތަކެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެމްއެމްޕީއާރްސީގެ މައުލޫ ނަގައިގެން ރާއްޖޭގެ ރައީސުން ޖަލުގައި ބާއްވައިގެން ނާއިބު ރައީސުން ޖަލުގައި ބައިތިއްބައިގެން... އެކަންވީ ގޮތް ނޭނގޭ މީހަކު ނޫޅޭ. އެންމެނަށް އެނގޭ އެކަން. އޭގައި އެބަހުރި އެއީ ވަގު ފައިސާކަން ނޭނގި ހިފި މީހުންވެސް އެބަތިބި،"

"އަޅުގަނޑު ގަބޫލެއް ނުކުރަން މި ދިމާލުން ދޫނިދޫގައި ރައީސް ޔާމީން ޖަލުގައި އޮންނަން ވާނެ ކަމަކަށް،" އަލީ ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ އޭނާ އަށް ކުރެވުނު ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ރައީސް ޔާމީން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ހާމަ ކުރެއްވުމުގެ އިތުރުން އަލީ ވަހީދުގެ ހާލު ބެއްލެވުމަށް ރައީސް ޔާމީން ގުޅުއްވި ކަމަށާއި އެމަނިކުފާނަށް އިހްތިރާމް ކުރައްވާ ކަމަށެވެ.