ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ފޮރިން މިނިސްޓަރު، ޑރ. ޖައިޝަންކަރާއި ބައްދަލުކުރައްވައިފިއެވެ.

ދެ ދުވަހަށް އިންޑިއާގެ ވެރިރަށަށް ކުރައްވާ ދަތުރުގައި ޝާހިދު އަށް މަރުހަބާ ދެންނެވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ ޖައިޝަންކަރެވެ.

ދެ މިނިސްޓަރު ބައްދަލުކުރައްވައި، ދެގައުމުގެ މަސްލަހަތު ހިމެނޭ ބައިލެޓަރަލް، ސަރަޙައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އެގްރީމަންޓްތައް ބަދަލުކުރުމުގެ އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވެސް ދެ ވަޒީރުން ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ނިއުދިއްލީގައި ހުންނަ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް (އައިސީޑަބްލިއުއޭ) ގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ ޝާހިދު ދެއްވާނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަކީ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) ގައި އިންޑިޔާގެ އެންމެ މުހިންމު މެރިޓައިމް އަވަށްޓެރި ގައުމަށްވެފައި، ބޮޑުވަޒީރުގެ "ސާގަރު" (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) އަދި "ނެއިބާހުޑް ފަސްޓް ޕޮލިސީ" ގައި ހާއްސަ ޖާގައެއް އޮންނަ ގައުމެއް ކަމަށެވެ.

ޝާހިދުގެ މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރެއް ކަމަށް އިންޑިއާއިން ބުނެއެވެ.