ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތަށް ދައުލަތުން އަނބުރާ ގެނައުމާއެކު އޭނާ މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް 6 ދައުވާ އެއް ދައުލަތުން ކުރިއެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަލީ ވަހީދުގެ މައްޗަށް ހަތަރު ދައުވާ އެއް އުފުލާފައިވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ދެ ދައުވާ އެއް އުފުލާފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާގެ އިތުރުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ ހިމެނެއެވެ. ޖިންސީ ގޯނާގެ މައްސަލާގައި އަލީ ވަހީދުގެ ބަޔާން ފުލުހުން ނެގިއެވެ.

ނަމަވެސް މިދިޔަ މަހުގެ 14ވަނަ ދުވަހު ދައުލަތުން ވަނީ އަލީގެ މައްޗަށް އުފުލި ދައުވާތައް ކުރިޔަށް ނުގެންދިއުމަށް ނިންމައިފައެވެ.