ރާއްޖޭގެ އެކި ރަށްރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 8 މަޝްރޫއުއަކަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ އިންޑިއާ އިން ދޫކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން ހިންގާ އަށް ޕްރޮޖެކްޓެއްގެ މޮބިލައިޒޭޝަން އެޑްވާންސް ދޫކޮށްފައިވާ ކަމަށެވެ.
ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ އަށް ޕްރޮޖެކްޓަކަށް މޯބިލައިޒޭޝަން އެޑްވާންސްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދޫކޮށްފައި ވަނީ 3.5 މިލިއަން ރުފިޔާއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި މައިގަނޑު ގޮތެއްގައި އުމްރާނީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ކޮމިއުނިޓީ އޮރިއެންޓެޑް ޕްރޮޖެކްޓްތައް ހިންގުމަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި މިދިޔަ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ސޮއިކޮށްފައިއެވެ. އެ މަޝްރޫޢުތަކުގެ ފައިދާ ސީދާ ދިވެހި މުޖުތަމަޢުތަކަށް ކުރާނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
• މާލޭގައި ހުންނަ އާޓްސް ސެންޓަރު
• ލ. ހިންނަވަރު އާ ކައުންސިލް އިދާރާ އިމާރާތްކުރުން
• ލ. އަތޮޅު އެޑިއުކޭޓަރ އޮންސެންޓަރގެ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
• އައްޑޫގެ ހިތަދޫ ބޭރުމަތި ދައިރާގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން
• އައްޑޫ، ހިތަދޫ ރަސްގެދަރަ ދައިރާގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން
• ގދ. ވާދޫގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން
• ހއ. ދިއްދޫގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން
• ށ.މިލަންދޫގައި ރަނިންގ ޓްރެކް ތަރައްޤީކުރުން
ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާއިން ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ ކަނޑައަޅާފައިވެއެވެ. މިވަގުތު އިންޑިއާއިން ދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ކަމާބެހޭ ވުޒާރާތަކާއި ލޯކަލް ގަވަރުމަންޓްތަކާއި ގުޅިގެން ރާއްޖޭގެ 20 އަތޮޅެއްގައި 56 މަޝްރޫއެއް ހިންގަމުން ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން 26 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، 6 މަޝްރޫއެއްގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.