މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގެ ދައުވާ ލިބޭ އެންމެން ވަގުތުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނަސް, އެކަމާ މެދު ތިން ދުވަސް ފަހުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާތީ އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބުމުން އެ މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

މިފަދަ އެހެން މައްސަލަތަކުގައި ކުރިން ހައި ކޯޓުން މީހުން ބަންދު ކުރިކަން ދައުލަތުން ފާހަގަކުރި އެވެ. އެހެންވެ، އިސްތިއުނާފް މަރުހަލާ ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށްދޭން ދައުލަތުން އެދުނެވެ.

މިއަދުގެ އަޑުއެހުމަށް ހާޒިރުވީ މަފާޒާއި ޝާމިން އެކަންޏެވެ.

ދައުލަތުން ބުނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މާރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު މަފާޒް ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މަފާޒާއި ޝާމިން އެދުނީ ވަކީލުން އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ދައުލަތުން އެދުނީ އެ މީހުންނަށް ވަކީލަކު ހަމަޖެހެންދެން، ފަސް ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށް ދިނުމަށެވެ. ދައުލަތުން ބުނީ ވަކީލަކު ހަމަޖެހެންދެން އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ.

ނަމަވެސް ބެންޗުން ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖައްސަން ދިން ތިން ދުވަހުގެ މުއްދަތަށް ފަހު ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.