މާލޭގެ ގެއެއްގައި ގެންގުޅުނު އިންޑިއާ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ރާއްޖެ އައީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް އޭނާ ރާއްޖެ ގެނައި ފަރާތުން މިއަދު "ހަތާވީސް" އަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ އަންހެން މީހާ މީގެކުރިން ވެސް ގެއިން ބޭރަށް ދާ ކަމަށާއި ނަމަވެސް އެނބުރި ގެއަށް އަންނަ ކަމަށެވެ.

ނަމަވެސް އިއްޔެގެ ދަންވަރު 3:30 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް އެނބުރި ނާންނަ ކަމަށްވެއެވެ.

”މީގެކުރިންވެސް އެހެން ބޭރަށް ދޭ. އެކަމަކު އެނބުރި އާދޭ. އަޅުގަނޑުމެން މިފަހުން ރަށުން ބޭރަށް ގޮސްފައި އައިއިރު އޭނާއެއް ނެތް. ދެން ހީކުރީ އަންނާނެ ކަމަށް،” އެ އަންހެން މީހާ ރާއްޖެ ގެނައި ފަރާތުން އިތުރަށް ކިޔައި ދިނެވެ.

އެމީހާ ބުނި ގޮތުގައި އިންޑިއާ މީހާ ގެއަށް ނައިސްގެން ސީސީޓީވީ ފުޓޭޖު ބެލުމުން ފެނުނީ ފޮށި ހިފައިގެން ގެއިން ނިކުމެގެންދާތަން ކަމަށެވެ.

”އަޅުގަނޑުމެން ވާނީ ފުލުހުންނަށް ވެސް ރިޕޯޓު ކޮށްފައި. ފުރައިގެނެއް ނުދެވޭނެ. ޕާސްޕޯޓު މިއޮތީ އަޅުގަނޑުމެންގެ އަތުގައި،” އޭނާ ބުންޏެވެ.

ރާއްޖެ އަށް އެ އަންހެން މީހާ އައި ދުވަހު ފިރިހެނަކު ކައިރީގައި ހުރި ކަމަށާއި އަދި އެއީ އޭނާގެ ފިރިމީހާ ކަމަށް އިންޑިއާ އަންހެން މީހާ ބުނި ކަމަށްވެއެވެ. ނަމަވެސް ރާއްޖެ އަށް އެ އަންހެން މީހާ ގެނައި ދިވެހި މީހާ ވަނީ އެ ފިރިހެން މީހާ އަކީ ޝައްކު ކުރެވޭ [އަންހެން މީހާ ފިލުވުމަށް] މީހެއް ކަމަށް ތުހުމަތު ކޮށްފައެވެ.