އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ގާނޫނީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ އޭނާގެ ބޮލްގުގައި "މަގުމަތީ އެކްސިޑެންޓާއި ގާނޫނޫ ފަރުވާ" ހެޑްލައިނުގެ ދަށުން ލިޔެފައިވާ ލިޔުމެއްގައެވެ. ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ އެއް އަސާސަކީ، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުން ކަމަށެވެ. އަދި އެއާ ގުޅޭ ދެވަނަ އަސާސަކީ، މީހެއްގެ އަމަލެއްގެ ސަބަބުން އަނެކާއަށް ހާނިއްކައެއްވާ ހަލަތުގައި، އެކަމަކީ ގާނޫނުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެކަމުގެ ގާނޫނީ ޒިންމާ އުފުލަންޖެހުން ކަމަށެވެ.

މަގުމަތީގެ އެކްސިޑެންޓުތަކަކީ އެޒާތުގެ ކަމެއް ކަމަށާއި ބައެއް ގާނޫނީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގެ ހާލަތުތަކުގައި، ކުށުގެ ޒިންމާ އުފުލާކަށް ނުޖެހޭ ކަމަށެވެ.

"މިއީ ކުށް ހީއެކެވެ. އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެކެވެ" ޝަމީމްގެ ބްލޮގުގައި ލިޔުއްވެވިއެވެ.

ގާނޫނުލް އުގޫބާތުގައި، މީހަކު ކުޅަ އަމަލެއް (އެއީ، ބަލަންވާ ވަރަށް ނުބަލައި، ގަވާއިދާ ހިލާފަށް އެއްގަމުގައި ދުއްވާ އެއްޗެއް ދުއްވުމު) ގެ ސަބަބުން، އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ އަމަލެކެވެ. އެ އަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، ގާނޫނުލް އުގޫބާތުގެ 110 ވަނަ ބާބު (މެރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ. ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއްނަމަ، 120 ވަނަ ބާބު (ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ.

މީހަކު ކުޅަ އަމަލެއްގެ ސަބަބުން (މިސާލަކަށް، އެކްސިޑެންޓެއްގެ ސަބަބުން) އަނެކާގެ މުދަލަށް (އެއީ، މަގުފާރެއް، ނުވަތަ އެހެން ސައިކަލެއް ނުވަތަ އެހެނިހެންވެސް މުދަލަކަށް) ގެއްލުމެއް ލިބިއްޖެނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ 220 ވަނަ ބާބު (މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެ އަމަލެއް ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

އެކްސިޑެންޓުގެ މައްސަލަތަކުގައިވެސް ނިޔަތް ސާބިތުކުރާނީ މިގޮތަށެވެ. އެއްގަމުގައި (ނުވަތަ ކަނޑުގައިވިޔަސް) އުޅަނދު ދުއްވުމަށް ވަކި ލައިސަންސެއް ނަގަން ޖެހުމުގެ މާނައަކީ، އެ ލައިސަންސް ނެތް މީހަކަށް، ރައްކާތެރިކަމާއެކު ވެހިކަލެއް ދުއްވުމުގެ ގާބިލުކަން ނުހުންނާނެކަން، ގާނޫނުން ގަބޫލުކުރުމެވެ. އެއީ، ކިތަންމެ ދުވަހަކު ވެހިކަލް ދުއްވާ، އެކަމަށް އާދަވެފައި ހުރި މީހަކަށް ވިޔަސްވެހެވެ.