ވެރިކަންކުރާ އެމްޑީޕީން ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި އެމްއާރްއެމްގެ ސޮލްޓްގައި ހިމެނިވަޑައިގަންނަވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން (ޗަބީ) ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ހުއްދަ ހޯދައިގެން ކަމަށް އެމްއާރްއެމުން ބުނެފިއެވެ.
އެމްއާރުއެމުން މިހެން ބުނަން ޖެހުނީ ރޭ ށ. ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ކެމްޕޭނު ޖަލްސާގައި ޗަބީ ބައިވެރިވެވަޑައިގަތުމާއި ގުޅިގެން "ހަތާވީސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ސުވާލު ކުރަން ޖެހުނު ސަބަބަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އެމްއާރުއެމުން އަދި މިހާތަނަށް ނިންމާފައިނުވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެކު ޖަލްސާގެ ފުރަތަަމަ ސަފުގައި ޗަބީ އިށީންދެވަޑައިގެން ހުންނެވި ފޮޓޯއެއް އެމްޑީޕީގެ ޓްވީޓާއިން އަޕްލޯޑު ކުރި ޖަލްސާގެ ފޮޓޯތަކުން ފެނެއެވެ.
އެ ފޮޓޯއާ ގުޅޭ ގޮތުން ސުވާލުކުރުމުން ޗަބީ ވިދާޅުވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ވަޒީރެއްގެ ހައިސިއްޔަތުން ކަމަށެވެ. އެކަމަކު ކޯލިޝަން ފިޔަވައި އެހެން ޕާޓީއެއްގެ އެއްވެސް ވަޒީރަކު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މަންޒަރެއް ނުފެނެއެވެ.
"ރައީސް އަޅުގަނޑު ގާތުގައި އެދިލެއްވީމަ ޖަލްސާގައި ބައިވެރިވި" ޗަބީ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އެމްއާރްއެމްގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޖަލްސާގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމުގެ ކުރިން ޕާޓީއަށް އަންގާފައިވާ ކަމަށެވެ. "ޗަބީ އެންގި ޖަލްސާގައި ބައިވެރިވާ ވާހަކަ" އަލީމް ވިދާޅުވިއެވެ.
އެކަމަކު އެމްއާރްއެމުން ރިޔާސީ އިންތިހާބަށް ބަޔަކާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައިނުވާކަން އޭނާ ޔަގީންކޮށްދެއްވިއެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކުގައި އެމްއާރުއެމުން ބައިވެރިވެއެވެ.