ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލުމަށްފަހު އެމްޑީޕީ އަށް ކޮމެޓީތަކުގެ މެޖޯރިޓީ ލިބޭނެ ގޮތަށް ކޮމެޓީތައް އެކުލަވާލައިފިއެވެ.

މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 13 މެންބަރަކު އެޕާޓީން ވަކިވުމާއި ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލަން ޖެހުނެވެ. އެއާއެކު ޕާޓީތަކުގެ މެދުގައި ކޮމެޓީތައް އެކުލަވާލުމާއި ގުޅޭ ގޮތުން އެއްބަސް ނުވެވި އެ މަސައްކަތް ދެ މަހެއްހާ ދުވަހަށް ދިގުލައިގެން ދިޔައެވެ.

އެ މަސައްކަތް ނިންމުމަށްޓަކައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެދުނެވެ. މިދިޔަ ހަފްތާގައި ވެސް މީގެތެރެއިން އެއް ޖަލްސާ ބޭއްވިއެވެ. ނަމަވެސް އެމްޑީޕީން އިތުރު ދެ މެންބަރަކު ވަކިވުމާއި ގުޅިގެން އެ ޖަލްސާގައި ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިޔަކަށް ނުދިޔައެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ކޮމެޓީތަކުގައި އެމްޑީޕީގެ މެޖޯރިޓީ ނޯންނަ ގޮތަށް އިސްލާހުތަކެއް ހުށަހަޅާފައެވެ. އެ އިސްލާހުތައް އިދިކޮޅުން ހުށަހެޅީ ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފާއި ދަ ޑިމޮކްރެޓްސްގެ މެންބަރު މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމެވެ.

އެ ދެ ބޭފުޅުން ވަނީ މަޖިލީހުގެ ހިމެނޭ މުހިއްމު ގިނަ ކޮމެޓީތަކެއްގައި އެމްޑީޕީގެ މެޖޯރިޓީ ނޯންނަ ގޮތަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެ ދެ މެންބަރުން ހުށަހެޅި އެއްވެސް އިސްލާހެއް ފާހެއް ނުވެއެވެ.

ކޮމެޓީތައް އަލުން އެކުލަވާލިއިރު މަޖިލީހުގެ ކޮމެޓީޓަކުގެ 183 ސްލޮޓުގެ ތެރެއިން 113 ސްލޮޓެއް އެމްޑީޕީ އަށް ވަނީ ލިބިފައެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ މިވަގުތު ޕީޕީއެމްއެވެ. އެޕާޓީ އަށް 11 ސްލޮޓު ލިބޭއިރު ޕީއެންސީ އަށް ލިބެނީ ހަތް ސްލޮޓެވެ. އަދި އެމްއެންޕީ އަށް ވެސް ލިބެނީ ހަތް ސްލޮޓެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ފަސް ސްލޮޓު މަޖިލީހުގެ ކޮމެޓީތަކުން ލިބެއެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މަޖިލީހުގެ 18 މެންބަރަކު ތިއްބަވާއިރު އެ މެންބަރުންނަށް ކޮމެޓީތަކުން 35 ސްލޮޓު ލިބެއެވެ.

މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 35 މެންބަރުންގެ ވޯޓުންނެވެ. އެ ގޮތަށް ފާސް ކުރުމާއި ދެކޮޅަށް 14 މެންބަރަކު ވޯޓު ދެއްވިއެވެ.