ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މެންދަމު މާލެ ވަޑައިގެންފިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކެމްޕެއިން އެންމެ ކުލަގަދަކޮށް މިހާތަނަށް ފެއްޓެވީ ރައީސް ސާލިހެވެ. ކެމްޕެއިން ހަރަކާތްތައް އަތޮޅު ތެރެއިން އެމަނިކުފާނު އެ ފެއްޓެވީ "އެމްޑީޕީގެ ސްޓައިލް"ގައެވެ. ރައީސް ކެމްޕެއިން ސްލޯގަންއަކީ "އުފާވެރި އަމާންރާއްޖެ" އެވެ.

އިއްޔެ ހެނދުނު ށ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކޮމަންޑޫއަށެވެ. އެއަށްފަހު މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގެންނެވިއެވެ.

މި ހަތަރު ރަށަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވެސް ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. ކޮމަންޑޫއަށް ވެވަޑައިގެންނެވި ވައުދަކީ މި މަސް ނިމުމުގެ ކުރިން ދެ ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅާލާނެކަމުގެ ވައުދެއެވެ. އަދި ކޮމަންޑޫއާ ޖެހިގެން އޮތް ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަދުއުވެވަޑައިގެންނެވިއެވެ.

ނޫމަރާއަށް ވަޑައިގެން، ރައީސް ވައުދުވެވަޑައިގެންނެވީ އެ ރަށް ކައިރީގައި އޮތް ނެޔޮ ކިޔާ ފަޅު ރަށް ކައުންސިލަށް ހޯއްދަވައި ދެއްވާނެކަމުގެ ވައުދެވެ. އަދި ށ. މަރޮށިން ބިން ހިއްކައި، އެ ރަށުން ގޯތި ދެއްވާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސްގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ފޯކައިދޫއެވެ. އެ ރަށުގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށްފަހު، އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އަޅުއްވާނެ ކަމަށެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މެންދަމު ވަނީ މާލެ ވަޑައިގެންފައެވެ.