އެމްޑީޕީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނިކުމެ ތިބީ ވަރަށް ގަދަކޮށް ކަމަށާއި، އެޕާޓީގެ ވާދަވެރިންނަށް އެމްޑީޕީ އަދި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތައް ދެން އަތު ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ 2008ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގެ ހަނދާންތައް އައު ކުރައްވާފައެވެ. އެގޮތުން އެ ދަތުރަކީ ބިރުބޮޑު ދަތުރެއް ކަމަށާއި ބިޔަ ރާޅުތައް އެ ދަތުރުގެ ތެރެއިން ނެގި ނަމަވެސް އެތައް ބައެއްގެ މަސައްކަތުން ބޭނުންވާ މަންޒިލަށް ގޮސް އެ ދަތުރު ނިންމާލެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ތަގުދީރު ނިޔާކުރި ގޮތުން ހަމަނޭވާ ލެވޭނެ ވަގުތެއް އޭރު ލިބިގެން ނުދިޔަ ކަމަށާއި އެމްޑީޕީ އަނެއްކާވެސް ކަނޑުމަތިވެގެން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއާއެކު އަލުން ބަލުން މަސައްކަތްތައް ފަށަން ޖެހުނު ކަމަށާއި އެ ދަތުރު ވެގެން ދިޔައީ ކުރިން ފެށި ދަތުރަށްވުރެ ވެސް ހާލު ދެރަ ބިރުވެރި ދަތުރުތަކަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ހިތްހަމަޖެހުމަކަށްވީ އަލުން ފެށި ދަތުރުގައި ދިވެހިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ބައިވެރިވިކަން. މި ގައުމަށް ހެޔޮ ގޮތެއް އެދޭ އެތައް ބަޔަކާއެކު އަޅުގަނޑުމެން ނިކުތީ ޖަޒީރާ ރާއްޖެ އަކަށް ދިއުމަށް. އެތައް ބަޔަކަށް ނުހަނު އެތައް އަނިޔާއެއް ލިބުނު. އެތައް ބައެއްގެ ފުރާނަތައް ގެއްލިގެންދިޔަ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދަތުރު އެމްޑީޕީން ފެށީ ކާމިޔާބުވާނެ ކަމާއިމެދު ހިތުގައި އެއްވެސް ޝައްކު ކަމެއް ބާއްވައިގެން ނޫން ކަމަށެވެ. އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެވެސް ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ފެށި އެ ދަތުރުގައި އެމަނިކުފާނު ދިވެހިން އަމާން ބަނދަރަކަށް ގެނެސްދެއްވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެތައް ހުރަހަކާއި ގޮންޖެހުމަކާއެކު ވެސް ދިވެހިން ބޭނުންވާ ހެޔޮވެރިކަމެއްގެ ނިޒާމު ގާއިމް ކޮށްދެވިއްޖެ ކަމަށެވެ.

"މިރެއަކީ އަނެއްކާވެސް އެމްޑީޕީގެ އޮޑީގައި އާ މަންޒިލަކަށް އާ ދަތުރަކަށް ފަށާ ރެއެއް. މި ދަތުރުގެ މަންޒިލަކީ އުފާވެރި އަމާން ރާއްޖެއެއް ހޯދަން އަޅުގަނޑުމެން ކުރާ ދަތުރެއް. މި ދަތުރު އަނެއްކާވެސް އަޅުގަނޑުމެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މާލިމީކަމުގައި މި ފަށަނީ މާތް ރަސްކަލާނގެ އިރާދަފުޅާއެކު މި ދަތުރު ކާމިޔާބު ވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އެތައް ގޮތަކުން ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އެގޮތުން އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން މިވެރިކަމުގައި ކުރިއެރުންތައް ހޯދައި ދިވެހިން ނުދެކޭހާ ގިނަ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.