އަދި އިންދުނީ އޮށެއް ކަމަށާއި އެ އޮށުން ގަސް ފަޅާ މޭވާ އެޅުމަށް ދުވަސް ނަގާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މިރޭ ށ. ފޯކައިދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ މީގެކުރިން އޮތް ސަރުކާރުގައި ދިވެހިން އުޅެން ޖެހުނު ހާލަތުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ މީހަކުވެސް ޖަލަށް ދާން ޖެހުނު ކަމަށާއި ނޫން ނަމަ ރާއްޖެ އިން ބޭރުގައި އެނބުރި ގައުމަށް ނާދެވި ހުންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޭނުންވީ އެ ހާލަތުން އަރައިގަނެ ރާއްޖެ އަށް ހަމަޖެހުން ގެނެސް ހާސްކަމުން ނިކުމެ ރާއްޖެ އަކީ އަމާން ތަނަކަށް ހެދުމަށް ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އޭރު ގުޅިފައިވާ ކޯލިޝަނުން އެއްބަސްވެވުނު ކެންޑިޑޭޓަކީ އަޅުގަނޑު. އޭރު އަޅުގަނޑަށް ދެއްވި ތާއީދާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްދެވުނު ކަމުގެ އުފާ މިއަދު އަޅުގަނޑަށް އިހުސާސް ކުރެވޭ. މުޅި ރާއްޖެ އަށް ހަމަޖެހުން ގެނެސްދެވިއްޖެ. ނޫސްވެރިންގެ ގަލަންތައް މިނިވަންކަމާއެކު ހުޅުވިއްޖެ. ޒަމާންތަކެއް ވަންދެން ލިބެން ނެތް އަސާސީ އެތައް ހިދުމަތެއް ލިބެން ފަށައިފި،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ ފަސް އަހަރު ފަހުން އަނެއްކާ ވެސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ އެންމެ މަގުސަދެއް ހާސިލް ކުރުމަށް ކަމަށާއި ބޭނުމަކީ އެންމެ ބޭނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މަގުސަދަކީ ހަމަ އެއް މަގުސަދެއް ބޭނުމަކީ ހަމަ އެއް ބޭނުމެއް. އެއީ ރައްޔިތުންނަށް ލިބެމުން މި އަންނަ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުން،" ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގެ ރަށްތަކަށް ގެނެސްފައިވާ ތަރައްގީގެ މަޝްރޫއުތައް ގެނެސްދެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ މިއީ އިންދުނު އޮށެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ މަތީ ތައުލީމަށް އެކަނި ބަލާލި ނަމަވެސް އެތައް ހާސް ދަރިވަރުންތަކެއް ސަރުކާރުގެ އެހީތެރިކަމާއެކު ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެކުދިން ތައުލީމު ހާސިލްކޮށް މަސައްކަތުގެ މައިދާނަށް ނިކުތުމުން ރާއްޖެ އަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.

"އެ އޮށުން ގަސް ފަޅާ އެ ގަސްތުގެ ހިޔާ ލިބި އެ ގަސްތަކުން މޭވާ އަޅަން އަދި ދުވަސްކޮޅެއް ނަގާނެ،" ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ދިވެހިން ނިންމަން އޮތީ ބޮޑު ނިންމުމެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ މިހާރު އޮތް ހަމަޖެހުމައިގެން ކުރިޔަށް ދާނީތޯ ނޫނީ އިހު އޮތް، ބިރުވެރިކަމަށް އެނބުރި ދާނީތޯ ނިންމާނީ ރައްޔިތުން ކަމަށެވެ.