ގައުމަށް މުސީބާތެއް ޖެހިއްޖެ ހާލަތެއްގައި ނަފްސީ ނަފްސީ ގޮވާ މީހަކަށް ކާމިޔާބެއް ނެތް ކަމަށް ވިދާޅުވެ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޝިޔާމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.

ސެޕްޓެމްބަރު މަހު ބާއްވަ ރިޔާސީ ރޭހުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނު އަތޮޅު ތެރެއަށް ރަސްމީކޮށް ފަށާފައިވާއިރު ސިޔާމް އަކީވެސް އެމްޑީޕީން އެކުލަވައިލާ ކޯލިޝަންގެ ބައިވެރިއެކެވެ.

ށ. ކޮމަންޑޫ ގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާ ވާހަަކަ ދައްކަވަމުން ސިޔާމް ތަފްސީލުކޮށްދެއްވީ އޭނާ ރައީސް ސޯލިހަށް ތާއިދުކުރަން ނިންމެވި ސަބަބެވެ. ގިނަ ބަޔަކު އެ ސުވާލު ކުރިމަތިކުރުވާ ކަމަށް ވިދާޅުވެ ސިޔާމް ޖަވާބެއްގެ ގޮތުގައި ދެއްކެވީ ދެ ސަބަބެވެ. އެއީ ކޯލިޝަން ދެމެހެއްޓި ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު ކަމަށްވުމާއެކު ކޮވިޑްގެ ވަބައިން އަރައިގަތުމަށް ރައީސް ދެއްކެވި ހިތްވަރެވެ.

https://twitter.com/MDPSecretariat/status/1678104210230108160

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިޔާމް ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ކުރެވޭނީ ކޯލިޝަނެއް ރަނގަޅަށް ދެމެހެއްޓުމުގެ އިތުރުން ވީ ވައުދުތައް ފުއްދައިގެން ކަމަށެވެ. އެކަން ރައީސް ސޯލިހު ސާބިތުކޮށް ދެއްވައިފި ކަމަށް ވިދާޅުވިއެވެ.

"ކޯލިޝަނެއް މިހާ ހިސާބަށް ފަސް އަހަރުވަންދެން މައްސަލައެއް ނެތި ހިންގީ ރައީސް ސޯލިހު" އެމްޑީއޭ އިން ރައީސް ސޯލިހާ އެކު ކޯލިޝަން ހަދަން ޖެހުނު ސަބަބު ކިޔައިދެއްވިއެވެ.

އެއަށް ފަހު ވިޔަފާރިވެރިޔާ ސިޔާމް ކިޔައިދެއްވީ ކޮވިޑްގެ ހާލަތު ރާއްޖެއަށް ދިމާވެގެން އެކަމުން އަރައިގަތުމަށް ރައިސް ސޯލިހު ދެއްކެވި ނަމޫނާއެވެ. ސިޔާމް ވިދާޅުވީ ކޮވީޑާއެކު ވިޔަފެރިވެރިން ތިބި މާޔޫސް ކަމެއްގެ ތެރޭގައި ދެންވާނެ ގޮތަކާއި މެދު ކަންބޮޑުވެގައި ކަމަށެެވެ.

"ހަދާނެ ނަހަދާނެ ގޮތެއް ނެތި ބޭންކުރަޕްޓުވާނެ ކަމަށް އަމިއްލައިން ގަބޫލުކޮށްގެން"

އެކަން ދިމާވުމާއެކު ޓޫރިޒަމް ދާއިރާގެ އެންމެން އެއް މޭޒަށް ގެންގޮސް ރައީސް މަޝްވަރާ ކުރައްވައި ވިޔަފާރިވެރިންގެ އަޑު އެއްސެވި ކަމަށެވެ. ވިޔަފާރިވެރިން ލަފާއެރުވި ގޮތަށް އަމަލުކުރި ކަމަށެވެ. ބޭރުން ލޯނު ނަގައިގެންވެސް ވިޔަފާރިތައް ދަމަހައްޓަން ރައީސް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެ ދުވަސްވަރު ރައީސް، ސިޔާމަށް ދެއްވި ޔަގީންކަމުގެ ހަނދާތައް އާކުރެއްވިއެވެ.

"ރައީސް ވިދާޅުވީ ތިމަންނަ ވެރިކަމުގައި ހުރިކަމަށްވަންޏާ މީހުންނަށް މުސާރަދޭނެ ވަރާއި އަދި ވިޔަފާރި ކޮޅަށް ޖެހުމަށްޓަކައި ހުރިހާ ކަމެއް ކޮށްދޭނަމޭ... މުސީބާތެއް ޖެހިއްޖެ ހިނެދެއްގައި ނަފްސީ ނަފްސީ ގޮވާ މީހަކަށް ކާމިޔާބެއް ނެތް" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ވެރިޔަކު ހުރިނަމަ ގައުމު ފުނޑުފުނޑުވެގެން ދިޔަ ކަމަށެވެ. ސިޔާމުގެ އަންދާޒާ އަކީ މި ފަހަރުގެ އިންތިހާބު އެއްބުރުން ރައީސް ކާމިޔާބު ކުރެއްވުމެވެ.