ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުމެފައި ވަނީ މިހާތަނަށް ރާއްޖޭގައި ރިޔާސީ އިންތިހާބެއްގައި ހެދޭ އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ކޯލިޝަނާއެކުގައި ކަމަށާއި އަމާޒަކީ މިހާރު ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދު އިތުރު 20،000 މެންބަރުންނަށް އިތުރު ކުރުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދައިފައެވެ. މީގެތެރެއިން އެންމެ މެންބަރުން ގިނައީ އެމްޑީޕީގައެވެ. އެއީ 58،035 މެމްބަރުންނެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބިއިރު އަދަލާތު ޕާޓީގައި 9،595 މެމްބަރުން އެބަ ތިއްބެވެ.

ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ މަރޮއްޓަށް ވަޑައިގެން ވާހަކަދައްދަކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އަދި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އަމާޒަކީ މިހާރު އުފެދިފައިވާ ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދު އިތުރު 20،000 އަށް އިތުރުކޮށް ޖުމްލަ އަދަދު 90،000 އަށް ހެދުން ކަމަށެވެ.

"އިންތިހާބަށް 9 ސެޕްޓެމްބަރަށް ނިކުންނައިރު އިރާދަކުރެއްވިއްޔާ މި ކޯލިޝަންގައި ރަޖިސްޓާޑް 90،000 މެންބަރުންނަށް އިރާދަކުރެއްޔާ އަޅުގަނޑުމެން ބަދަލު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މަރޮށީގައި މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މަރޮއްޓަށް ސަރުކާރުން ކޮށްދޭނެ ބައެއް ކަންކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތީ އެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ގޮތް ނިންމަން އޮތް ދުވަސް ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރައްޔިތުންނަށް އެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި އެހެންކަމުން މީގެކުރީ ސަރުޖާރުތަކުން މަރޮއްޓާއި މެދު އަމަލު ކުރި ގޮތާއި އެމަނިކުފާނުގެ ސަރުކާރުން އެރަށުގެ ރައްޔިތުންނާއި މެދު އަމަލުތައް ބެހެއްޓި ގޮތުގެ މައްޗަށް ވިސްނުމަށްފަހު ރަނގަޅު ގޮތަކަށް އެ ދުވަހު [ސެޕްޓެމްބަރު 9] ގޮތް ނިންމުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.