ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުރި އެންމެ ބުރަ އަދި މުހިއްމު މަސައްކަތަކީ ރާއްޖެ އަކީ ހަމަޖެހޭ އަމާން ތަނަކަށް ހެދުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކޮމަންޑޫ އަށް ވަޑައިގެން ވާހަކަދައްދަކަވަމުން ރައީސް ވިދާޅުވީ ހަމަޖެހޭ ތަނަކަށް ރާއްޖެ ހެދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މާލެ އާއި މުޅި ރާއްޖެ އިން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުން މިއަދު ދެކެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

[caption id="attachment_54882" align="alignnone" width="1620"] ރިޔާސީ ކެމްޕެއިނުގައި ށ. ކޮމަންޑޫ އަށް ވަޑައިގެން ރައީސް ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ / އެމްޑީޕީ[/caption]

ރައީސްގެ ވާހަކަފުޅުގައި 2018ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައިއިރުގައި ރާއްޖޭގެ ހާލަތު އޭރުގައި އޮތް ގޮތް ހިއްސާ ކުރެއްވިއެވެ. އެގޮތުން މަގުތަކުގައި މާރާމާރީ ހިންގާ މީހުން މަރަމުންދާ ކަމަށާއި ވިޔަފާރިވެރިންނަށް ހަމަޖެހިލައިގެން ވިޔަފާރި ކުރުމަކީ އޭރު ދަތި ކަމަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރާ ހިޔާލު ތަފާތު މީހެއްވެއްޖިއްޔާ އިންނަން ޖެހުނީ ޖަލުގައި. ނޫނިއްޔާ ރާއްޖެ އަށް ނާދެވި. ނޫސްވެރިންނަށް އަނގައެއް ނުހުޅުވޭ. މިހެން ގޮސް މި ލިސްޓު އަޅުގަނޑަށް ކިތަންމެ ދިގުކޮށް ވެސް ކީދާނެ،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވެ، ކުރަން ފެށި ކަންތައްތަކުން މުޅި ރާއްޖެ އަށް ބަދަލުތައް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފެނިގެން ދާނެ ކަމަށެވެ.

[caption id="attachment_54883" align="alignnone" width="1620"] ރިޔާސީ ކެމްޕެއިނަށް ށ. ކޮމަންޑޫ އަށް ރައީސް ސޯލިހު ވަޑައިގަންނަވާތީ އެރަށު ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށް ނިކުމެ : ފޮޓޯ / އެމްޑީޕީ[/caption]

ރައީސްގެ ވާހަކަފުޅުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށާއި އެއީ އެމީހަކު ނިސްބަތްވާ ރަށަކުން ނުވަތަ ނިސްބަތްވާ އާއިލާއަކުން ވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ދިވެހި ކޮންމެ ރައްޔިތަކީ، ކޮންމެ ފަރުދަކީ އުފާވެރިކަމާއެކުގައި ހަމަޖެހިގެން އުޅެވޭ މީހަކަށް ވާން ޖެހޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.