މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނު ފަށައި އަތޮޅުތެރެއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ވެރިކަންކުރާ އެމްޑީޕީން ބުނި ގޮތުގައި ރައީސް އަތޮޅު ތެރެއަށް ކުރައްވާ ކެމްޕޭނުގައި ފުރަތަމަ ވަޑައިގަންނަވާނީ ށ. ކޮމަންޑޫއަށެވެ. އެއަށް ފަހު މަރޮށީ، ނޫމަރާ އަދި ފޯކައިދޫ އަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. ކޮމަންޑޫއަށް ރައީސް އަރިހުގައި އެ ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ)ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ސޯލިހުއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުންގެ ކެމްޕޭނު އަދި ނުފަށައެވެ.

އިދިކޮޅު ޕީޕީއެމް އަދި މި ފަހުން އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސްއެވެ. ޕީޕީއެމުން ކެނޑިނޭޅި ބުނަމުން ދަނީ އެ ޕާޓީގެ ކެނޑިޑޭޓަކީ ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް ޔާމީނު ކަމަށެވެ. އެކަމަކު ޔާމީންއަށް ކޮށްފައިވާ ހުކުމް ބާތިލްނުކުރާހާ ހިނދަކު އޭނާގެ ކެނޑިޑޭސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އެމްޑީޕީގެ ޕްރައިމަރީން ކުރިމަތިލައްވަން ޖެހިވަޑައިގަތް ނާކާމިޔާބީއާ އެކު ގާތް ބޭފުޅުން ކޮޅެއް ގޮވައިގެން ދަ ޑިމޮކްރެޓްސް ވުޖޫދަށް ގެނައުމަށް މަސައްކަތްކުރައްވާ ނަޝީދު، އިންތިހާބުގައި ވާދަކުރައްވާނެކަމެއް އަދި ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ. އެކަމަކު މި ފަހުން ޑިމޮކްރެޓުން އުފައްދަން ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގެންނެވީ ޔާމީންވެސް އިންތިހާބުގައި ވާދަނުކުރެއްވުމަށެވެ. އަދި ހުދު އަމިއްލަފުޅަށްވެސް ވާދަނުކުރެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެތައް ގޮތަކުން ހިޔާލު ތަފާތު ޑިމޮކްރެޓްސް އާއި ޕީޕީއެމުން މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވަމުން އެބަދެއެވެ. އެކަމަކު އެއީ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން ކުރިއަށްދާ ބައްދަލުވުންތަކެއް ނޫން ކަމަށް ދެ ފަރާތުންވެސް ބުނެއެވެ.