އަހަރުމެންނަށް ހުޅުމާލެ އެމްޕީއެލް ބަނދަރަށް ދެވުނުއިރު އޭނާ ހުރީ ކޮންޓެއިނަރުތަކެއް ކައިރީގައި އައިޕެޑެއް ހިފައިގެންނެވެ. ގަދަ އަވީގައި މަޑު ރީނދޫ ކުލައިގެ ޖެކެޓަކާއި ސޭފްޓީ ހެލްމެޓެއް އަޅައިގެންނެވެ. ކެރޭނުގެ އަޑު ގަދަކަމުން އަތުގައި އޮތް ވޯކީޓޯކީން ކިޔުާ އެއްޗެއް އަޑު ފަހުމްވަނީ ކިރިޔާއެވެ. "އަންހެނަކަށްވީމައޭ ކިޔާފައި މިކަން ނުކުރެވެންވީ ސަބަބެއް ނެތް" އަހަރުމެންނަށް އޭނާއާ ސުވާލެއް ނުކުރެވެނީސް ޝާނާ ބުނީ މިހެނެވެ.

https://twitter.com/hathavees/status/1678305072277774339?s=46&t=xapWNGbbfBd0uN9xb5fzNA

މި ދައްކަނީ އެމްޕީއެލްގެ ފުރަތަމަ އަންހެން ކްލިއަރެންސް އޮފިސަރު ޝަނާ އަހުމަދާ ބައްދަލުވުމުން ނެރުނު އާދަޔާހިލާފު ހިތްވަރުގެ ވާހަކައެވެ. މީގެ އަށް އަހަރު ކުރިން އެމްޕީއެލްގެ ވަޒީފާއަށް ނުކުތް ދުވަހު މިހާ ހިސާބަށް އާދެވޭނެ ކަމަކަށް އުމުރުން 26 އަހަރުގެ ޝަނާ ހިއެއް ނުކުރެއެވެ. "އޭރު ހިއެއް ނުކުރަން މިތާގައި [އެމްޕީއެލް]ގައި އުޅެވޭނެ ކަމަށްވެސް، ގިނައީ ފިރިހެނުންވީމަ، އޭރު ހުރި ކުޑަކޮށް ބިރުވެސް ގަނެފައި،" ދެން ވާނެ ގޮތަށް މާ ބޮޑު އަޅާލުމެއް ނެތި އުމުރުން 18 އަހަރުގައި އެމްޕީއެލްގެ ވަޒިފާއާ ގުޅުނު ޝަނާ ކިޔައިދިނެވެ. އޭރު އޭނާގެ މައިގަނޑު މަސައްކަތަކީ ދުވަލަކު އެތައް ސަތޭކައެއްހާ ކޮންޓައިނަރު އަންނަ ބަނދަރުގެ ކޮންޓެއިނަރުތައް ދޫކުރަން އޮފިސަރުންނަށް ނަން ނޯޓު ކޮށްދިނުމެވެ. އެ ވަޒީފާ ކަމުދިޔަޔަސް އޭނާ ބޭނުންވީ "ރިސްކެއް" ނަގާށެވެ.

[caption id="attachment_54922" align="alignnone" width="2560"] ހުޅުމާލޭ އެމްޕީއެލް ބަނދަރުގައި މަސައްކަތް ކުރާ މީހަކާ ޝަނާ ވާހަކަ ދައްކަނީ: ޝާނާ އެމްޕީއެލްއާ ގުޅުނީ އުމުރުން 18 އަހަރުގައި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]

އޮފީހުގެ އޭސީ ތެރެއިން ބަނދަރު ސަރަހައްދަށް ނިކުމެ ވާނުވާ އެއްޗެއް ބަލާށެވެ. އެހެންކަމަކު މުޅިން ވެސް ފިރިހެނުން މަސައްކަތްކުރާ ތަނަކަށްވާތީވެ އަންހެނަކު އެ ވަޒީފާ އަދާކުރަނީ ކީއްކުރަން ކަމަށް ބުނެ މީހުން ސުވާލު ވެސް ކުރިއެވެ. "އަބަދުވެސް މެނޭޖަރު ކައިރީގައި ބުނަން ބޭނުމޭ އެ ރިސްކި ނަގައިގެން ސަރަހައްދު ތެރޭގައި އުޅުނު، ވަރަށް ނެގެޓިވް ކޮމެންޓްސްތައް ލިބުނު.... ވަރަށް ގަޅިކަމެކޭ ތިކުރަނީ،" މީހުންގެ ފާޑުކިޔުންތައް ހިއްސާކުރަމުން ބުންޏެވެ. އެކަމަކު އެ ވާހަކަތަކަށް ބީރު ކަންފަތެއް ދީ އޭނާ ދިޔައީ ކުރިއަށެވެ. ތުއްތު ދަރިފުޅެއްގެ ޒިންމާ އަދާކުރަމުންދާ ޝާނާ ފިޔަވަޅެއްވެސް ފަހަތަށް އަޅަން ބޭނުންނުވިއެވެ.

[caption id="attachment_54921" align="alignnone" width="2560"] ޝަނާ (ކ) އާއި އޭނާގެ މަސައްކަތުގެ ބައިވެރިއަކާ އެކު، ހުޅުމާލެ އެމްޕީއެލް އިންޓަނޭޝަނަލް ޕޯޓުގައި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]

"އާއްމުކޮށް ކުރާ ކަމަކީ ކޮންޓެއިނަރުތައް ކަނޑަން އެހީވުން، އަޅުގަނޑު ހުރެގެން ކޮންޓެއިނަރުތައް ކެނޑޭނީ،" ކްލިއަރެންސް އޮފިސަރެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮބައިހޭ އަހާލުމުން ޝަނާ ބުނީ ކޮންޓެއިނަރުތައް ކެނޑުމުގެ ޒިންމާ އޮންނަނީ އޭނާގެ ބޮލުގައި ކަމަށެވެ. ކޮންޓެއިނަރު ކެޑޭނީ ޝަނާގެ ހާޒިރުގައެވެ. އެއަށް ފަހު އެ ކޮންޓެއިނަރުތައް ކްލިއާކޮށް ބޭނުންވާ ވެހިކަލްތައް ވެއްދުމުގެ ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ކްލިއަރެންސް އޮފިސަރެވެ. ދުވާލަހަށް 15 ކޮންޓެއިނާވަރު ކްލިއާކުރާ ކަމަށް އޭނާ ބުންޏެވެ. މާލެއަށް އުފަން ޝަނާގެ މި ހިތްވަރުން އޭނާގެ ބަހުން ނަމަ އިންސްޕަޔާވެގެން ހަމަ އެ ދާއިރާއަށް އަންހެނުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. އޭގެ ހެއްކަކީ މާލޭ ޕޯޓުގެ ކްލިއަރެންސް އޮފިސަރެއްގެ ވަޒީފާއަށް ވެސް އަންހެނުން ނުކުންނަން ފެށުމެވެ. އޭނާގެ ވާހަކަތަކުން ހާމަވި ގޮތުންނަމަ އެމްޕީއެލަކީ އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭ ތަނެކެވެ.

އެ ކުންފުނީގެ ސީއީއޯ ގާތުގައި އަންހެނުންނަށް ފުރުސަތު ދިނުމަށް ކުރެވޭ މަސައްކަތްތަކަކީ ކޮބައިހޭ ސުވާލުކޮށްލުމުން ވިދާޅުވީ "އަންހެނުން ހުރިހާ ދާއިރާތަކަށް ނެރެން އިސްކަމެއްދޭ" ކަމަށެވެ. އެއަށް ފަހު ތަފްސީލުކޮށްދެމުން ޝާހިދު ވިދާޅުވީ އަންހެނުން އޮޕަރޭޓަރުން އުފައްދަން ކާމިޔާބު އެޕެރެންޓިސް ޕްރޮގްރާމްތަކެއް ހިންގާފައިވާނެ ކަމަށެވެ. "އެ ޕްރޮގްރާމްގެ ތެރެއިން ބައެއް އަންހެން އޮޕަރޭޓަރުން މަސައްކަތްކުރާނެ" ޝާހިދު ދެއްވި ޔަގީންކަމަކީ ޕޯޓުގައި ފިރިހެނުން މަސައްކަތްކުރާ ދާއިރާއެއްގައި އަންހެނުންނަށްވެސް ކުރެވޭނެ ކަމެވެ.