ދެ އަހަރުތެރޭ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު ނިންމާ އެޕާޓްމެންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ކުރިޔަށްގެންދިޔައީ އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުނިންނެވެ. މި މަޝްރޫއުގެ ދަށުން، 120 އެޕާޓްމެންޓް ތަރައްގީކޮށްފައިވާއިރު މިތަންތަން ގަނެފައިވަނީ އެޕާޓްމެންޓެއް 2.2 މިލިއަން ރުފިޔާއަށެވެ.
ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކުރެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމްއާއި އެކު މިސްޓަރ ނީރަޖް ގުޕްތާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުން ދެކޭގޮތުގައި މުޖުތަމައެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް، އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަކަށް ނޫންކަމަށެވެ. ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ބަޔަކާއި، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ބަޔަކާއި، އަދި ވަރަށް ތަނަވަސް ބައެއް ތިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި، މެދު މިންގަނޑެއްގެ އާމްދަނީއެއް ލިބޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއި އެކީގައި ބޯހިޔާވެހިކަމެއް ލިބޭނެ ގޮތެއް ހޯދައިދޭންޖެހޭކަން ސަރުކާރުން ގަބޫލުކުރާކަަމަށެވެ.
" 2.2މިލިއަން ރުފިޔާގެ އަގުޖެހޭ މި ހައުސިން ޔުނިޓްތައް ރާއްޖޭގެ ލެންޑިން އެޖެންސީތަކުން ލޯނުދޭ ޓާމްސްތަކަށް ބަލާއިރު، އޭގެތެރޭން 80% ލޯނު ނަގާފައިވަ ފަރާތްތަކުން ދައްންޖެހެނީ ގާތްގަނޑަކަށް 20،800 ރުފިޔާ މަހަކު. ތިން ކޮޓަރީގެ އެޕާޓްމެންޓެއް މިހާރުވެސް ރެންޓަލް މާކެޓުގައިވެސް މި އަގުގައި ކުއްޔަށް ހިފަން ލިބޭނެ. އެހެންނަމަވެސް އެއީ އަމިއްލަ ވާ ތަނެއް ނޫން. މިއަދު ތިޔަ ވަންނަވާ އެޕާޓްމެންޓަށް ތި ބޭފުޅުން ތި ވަންނަވަނީ އަމިއްލަ ތަކެއްގެ ގޮތުގައި." މިނިސްޓަރު އަސްލަމް
މި 120 ޔުނިޓަށް ވަންނަ ފަރާތްތަކުން މިހާރު ވަނީ މިތަންނަށް ފައިސާ ދައްކައި ނިމިފައިކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، މީގެން އެނގެނީ ރައްޔިތުންގެ ތެރޭގައި މިކަމަށް ޑިމާންޑް އޮތްކަމާއި، މިކަން އެފޯޑްކުރެވޭނެ މީހުންވެސް ތިބިކަންކަމުގައެވެ. މިސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިޔަށް ގެންދަނީ ވަކި ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސެންޑަލް މޮރިޝަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާޓީ ވިދާޅުވީ، މިއެޕާޓްމެންޓްތައް ނިންމުނަމަށް ހޭދަވި ދެ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދެ އަހަރުކަމަށެވެ. އެ ގޮތުންޖެހުންތަކާއި އެކުވެސް އެޕާޓްމެންޓްތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުމުގެ މަގްސަދުގައި މި މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންގޮސްފައިވާކަމަށެެވެ.
ސެންޑަލް މޮރިޝަސް ކުންފުންޏާއި މި މަޝްރޫއު ހަވާލުކުރީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތުގެ ތެރެއިން ގެންގުޅޭ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްސް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.