ރިޔާސީ އިންތިހާބު ބާއްވަން މިހާ ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެ ކޮމިޝަނުން މިއަދު އެދިއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ލަސް ކުރި ކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން، އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ފޯމުތައް ތިން މަސް ދުވަހަށް ދަންމާލަން ކޮމިޝަނުގެ އެއްވެސް މެމްބަރަކު ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ ދުވަހުގެ ޖަލްސާއާ ހަމައަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ފޯމުތަކާ ގުޅޭ މަސައްކަތްތައް ނިމިފައި ނުވާ ކަމަށެވެ. އީސީން ބުނީ އެ ކޮމިޝަނަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅި 3،560 ފޯމުގެ ތެރެއިން ޕާޓީ އުފެއްދުމުގެ ބައްދަލުވުމަށް ބޭނުންވާ 3،000 ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު މިމަހުގެ ދެވަނަ ދުވަހު އެ ހުއްދަ އެ ޕާޓީއަށް ދީފައިވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކޮމިޝަނުން އަބަދުވެސް ބާރުއަޅާނެ ކަމަށް ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅުގައި ކޮމިޝަނުގެ ހުރުމަތް ކެނޑޭގޮތަށް އަދި ކޮމިޝަނާއި ރައްޔިތުންނާއި މެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ކޮމިޝަނަށް އަމާޒުކޮށް ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.