މިއަދު ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަންކަމާއި މެދެ ކައުންސިލަރުން ހިތްހަމަނުޖެހި ޖަލްސާ ހުއްޓާލަން ޖެހިއްޖެއެވެ.
މިއަދު ޖަލްސާ ފައްޓަވައި އެޖެންޑާ ކޮށްފައިވާ ކަންތައްތަކަށް ވޯޓަށް އަހަން މޭޔަރު މުއިއްޒު ހުޅުވައިލެއްވިއެވެ. މޭޔަރުގެ ވާހަކަ ނިމުމާއެކު ހެންވޭރު ހުޅަނގު ކައުންސިލަރު އަހުމަދު އައިފާން ވަނީ އޭނާ މީގެ ކުރިން ހުށަހަޅާފައި އޮތް ދެ މައްސަލަ ހިމަނމައިގެން އަލުން އެޖެންޑާއަށް ވޯޓަށް އެހުމަށެވެ.
"އަޅުގަނޑު އެޖެންޑާ ބެލިއިރު އެޖެންޑާގެ ނެތް ދެ މައްސަލަވެސް. އެ ދެ މައްސަލަ ހުށަހަޅައިގެން އެޖެންޑާ ފާސްކުރަން އަޅުގަނޑު އެދެނީ" މޭޔަރު އަރިހުން އައިފާން އެދުނެވެ.
އެކަމަކު މޭޔަރު ވިދާޅުވީ އެޖެންޑާގައި ހިމެނޭ ކަންކަން ތަރުތީބުވާނީ ފާސްކޮށްފައިވާ ގަވާއިދުތަކާއި އެއް ގޮތަށް ކަމަށެވެ.
"އެޖެންޑާ ނުހިމެނޭ ކަމެއް ވިއްޔާ ލިޔުމުން ޖަވާބުދޭނަން" މުއިއްޒު ވިދާޅުވިއެވެ. އެއަށް ފަހު އެޖެންޑާއަށް ވޯޓަށް އެހުމުން ނުވަ ކައުންސިލަރަކު ވަނީ ޖަލްސާ ދޫކޮށްވަޑައިގެންފައެވެ.
އޭގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ދެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ސައިފް ފާތިހު އާއި މަރިޔަމް ރީހާން ނާޒިމްގެ އިތުރުން މަރިޔަމް ނާޒިމާއެވެ. އެމްޑީޕީގެ ކައުންސިލަރު ނިޒްލާ ރަޝީދު އަދި މުހައްމަދު އަރީޝްވެސް ވެސް ވަނީ ޖަލްސާދޫކޮށް ވަޑައިގެންފައެވެ. ޕީޕީއެމް ތަމްސީރުކުރައްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އިބްރާހިމް އަބޫބަކުރުވެސް ވަނީ ޖަލްސާ ދޫކޮށްވަޑައިގެންފައެވެ.
ދެ މައްސަލަ އެޖެންޑާކޮށްދޭން އެދި އައިފާނު، މޭޔަރަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ މި ނޫހަށް ލިބިފައެވެ. އެ ދެ މައްސަލަ އަކީ 35،000 ރުފިޔާ އަށްވުރެ މަތީގެ ތަކެތި ޕްރޮކިޔޯ ކުރާނަމަ ކޯޕަރޭޓް އެފެއާޒް ފާސްކޮށް އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމް ކުރުމުގެ އިތުރުން ބައެއް ކައުންސިލަރުން ވެރިކަންކުރާ އެމްޑީޕީން ވަކިވެފައިވާތީ ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. ދެ މައްސަލަވެސް އެެޖެންޑާކޮށްދޭން އެދިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
[caption id="attachment_54818" align="aligncenter" width="691"] ހެންވޭރު ހުޅަނގު ކައުންސިލަރު އައިފާން[/caption]
އެޖެންޑާ މައްސަލަ އާއި ގުޅިގެން "ހަތާވިސް" އާ ވާހަކަ ދައްކަވަމުން މުއިއްޒު އިޝާރާތްކުރެއްވީ ކައުންސިލްގެ ހިންގާ ގަވާއިދަށެވެ. އެ ގަވައިދު ބުނާ ގޮތުން އެޖެންޑާގައި ހިމަނަން ޖެހޭ ކަމެއް ނަމަ 72 ގަޑިއިރު ކުރިން ލިޔުމުން ފޮނުވަން ޖެހޭނެއެވެ.
"އެކަމަކު މީތި އައީ އަޅުގަނޑު އެޖެންޑާ ހެދި ފަހުން. ސޮއިކޮށްފައި ރިލީޒް ކުރި ފަހުން" މުއިއްޒު ވިދާޅުވިއެވެ.
ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވި އައިކޯ ވިދާޅުވި ގޮތުންނަމަ އައިފާން ހުށަހެޅި މައްސަލަ އެޖެންޑާނުކުރީ އެއީ މޭޔަރު "ހިތްޕުޅާ" ނުވާތީއެވެ. އެހެން ވިދާޅުވީ 48 ގަޑިއިރުކުރިން މައްސަލަތައް ހުށަހަޅައިގެންވެސް މޭޔަރު މައްސަލަތައް އެޖެންޑާ ކޮށްފައިވާތީ ކަމަށް ވިދާޅުވީއެވެ.
"އެއްވެސް އިރެއްގައި އަމިއްލަ އެޖެންޑާއެއް އިސްކޮށްފައިނުވާނެ... 109 ޖަލްސާ ބާއްވައިފިން އަޑެއް ނީވޭނެ ތި ކަހަލަ ކަމެއް. ނުހުންނާނެ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައި" އައިކޯ ދެއްކެވި ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުން މޭޔަރު ވިދާޅުވިއެވެ.