ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިމަތި ނުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ ނަޝީދު ރޭ ދެއްކެވި ވާހަކަފުޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ރައްދު ދެއްވައިފިއެވެ.

ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދި އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ގޮތުން ރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންވެސް އިންތިހާބުގައި ވާދަ ނުކުރެއްވުން ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އަދި ހުޅުމާލެ ދާއިރާގެ ޕީއެންސީގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް އެންމެ ފުރަތަމަވެސް ރައްދު ދެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ. ޑިމޮކްރެޓުންގެ ޖަލްސާ ނުނިމެނީސް އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ މީގެކުރިން ވެސް އަދުރޭ ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

https://twitter.com/Banafsaa/status/1676654882760310784?s=20

"ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ،" އަދުރޭ ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ ޖަލްސާ އަށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ހާމަ ކުރެއްވީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި ރައީސް ނަޝީދު އުޅުއްވަނީ މާބޮޑަށް ފަހަތުގައި ކަމަށެވެ.

https://twitter.com/Shiyamaldives/status/1676689701783359488?s=20

"އަދި އެބޭފުޅުންނަށް ކެންޑިޑޭޓެއް ވެސް ނުދެއްކޭ. ޕީޕީއެމް/ޕީއެންސީން މާކުރިން ވަނީ ރައީސް ޔާމީނަކީ ކެންޑިޑޭޓު [ރިޔާސީ ކެންޑިޑޭޓު] ކަމަށް ނިންމާ ކެމްޕެއިން ވެސް ފަށާފައި،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ނަޝީދަށް ރައްދު ދެއްވައިފައެވެ. ވިދާޅުވީ ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ތަރައްގީ ގެނެސްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުންކަން ފާހަގަކުރައްވާ ޖަމީލް ވަނީ އިސްތިގްލާލު ނަގާލުމާ، ކަނޑު ވިއްކާލުމާ ދެކޮޅު ހެއްދެވި ހަމައެކަނި ސިޔާސީ ލީޑަރަކީ ވެސް ޔާމީން ކަމަށް ވިދާޅުވެފައެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެެއްވެސް ފަރާތަކަށް އެކަމުގައި ބަސް ނުބުނެވޭނެ،" ޖަމީލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ އެއްވެސް ބޭފުޅަކު ޖަލުގައި އޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވިދާޅުވެ މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ޔާމީނަކީ ހިދުމަތްތެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ.

"ރައީސް ޔާމީނަކީ މިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދައުލަތުގެ ވަޒީރުކަމާއި މައްޗަންގޯޅީގެ ވެރިކަމާއި މިހެން މިހެން ގޮސް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް،" ނަޝީދު ވިދާޅުވިއެވެ.