ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިމަތި ނުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދި އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ގޮތުން މިރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންވެސް އިންތިހާބުގައި ވާދަ ނުކުރެއްވުން ކަމަށެވެ.
"އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އަދި ހުޅުމާލެ ދާއިރާގެ ޕީއެންސީގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކު ޖަލުގައި އޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވިދާޅުވެ މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ޔާމީނަކީ ހިދުމަތްތެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ.
"ރައީސް ޔާމީނަކީ މިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދައުލަތުގެ ވަޒީރުކަމާއި މައްޗަންގޯޅީގެ ވެރިކަމާއި މިހެން މިހެން ގޮސް އެތައް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު ޕީޕީއެމްގެ ލީޑާޝިޕާއި ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕާއެކު އަންނަނީ މަޝްވަރާ ބައްދަލުވުންތަކެއް މިފަހަކަށް އައިސް ބާއްވަމުންނެވެ. އެ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ބަލި" ކުރުން ކަމަށް މި ދެ ޕާޓީން ވެސް ވަނީ ބުނެފައެވެ.