މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ނިޔަމިކަން ނުވަތަ މެރިޓައިމް ދާއިރާއިން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތާއި ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގައި ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އެންއެމްޔޫސީގެ ފަރާތުން ސޮއިކުރެއްވީ އެކްޒެކެޓިވް ޗެއާމަން ޑާޓޯ ކެޕްޓަން ރަޒާލި ޔާކޮބްއެވެ.
އެމްޕީއެލުން ބުނީ އެމްޔޯގެ ދަށުން މެރިޓައިމް ދާއިރާއިން ފައުންޑޭޝަން ލެވެލްއިން ފެށިގެން ބެޗެލާސް އަދި މާސްޓާސް ލެވެލްއާއި ހަމައަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އަދި ދެ ކުންފުނި ގުޅިގެން މީހުން ބިނާކުރުމާއި ތައުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓެންސީގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ އެއްބަސްވުމަކީ މެރިޓައިމް ޕޯޓުގެ ދާއިރާން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އުތުރު ކުރިއެރުމެއް ކަމަށެވެ.
"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވަޒަފުންނަށް ފޯރުކޮށްދޭނެ" ޝާހިދު ވިދާޅުވިއެވެ.
އެންއެމްޔޫސީގެ ޗެއާމަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމްއޯޔޫގެ ދަށުން އެމްޕީއެލްގެ މުވައްޒފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާވެސް ލިބގެންދާނެ ކަމަށެވެ.