މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރަން ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ތަމްރީނެއް ފުރިހަމަ ކޮށްގެން ކަމަށް ހެދި އުސޫލު އެ ކޮމިޝަނުން ބަދަލުކޮށްފިއެވެ.

އެކަމާއި ގުޅޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިހާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާ ގޮތަށް އޮތް އޮތުމުގެ މައްސަލަ ހޫނުވި ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު "ހަތާވީސް" އަށް މިއަދު ހަބީބް ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމަކީ ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި މަސްއޫލިއްޔަތުތަކާއި ގުޅޭ ގޮތުން ބާއްވާ ސެޝަނެއް ކަމަށެވެ. އެކަމަކު މިހާރު އެ އުސޫލު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ކޮމިޝަނުން ނިންމި ގޮތަކީ އޭގެ ބަދަލުގައި އެ މީހުން އަމިއްލަ އަށް އިގުރާރު ވަނީ ތިމަންނަމެންނަށް ތިމަންނަމެންގެ މަސްއޫލިއްޔަތާއި ސުލޫކީ މިންގަނޑު އެނގޭނެއޭ. އެގޮތަށް އިގުރާރުވީމަ އެ މީހުންނަށް ހުއްދަދޭ ގޮތަށް ކޮމިޝަނުން ނިންމާފައި އޮތީ" ހަބީބް ވިދާޅުވިއެވެ.

އަދި އެއީ ނޫސްވެރިންގެ އިތުރުން އޮބްޒާވަރުންނަށް ލިބޭނެ ބޮޑު ލުޔަކަށްވެގެންދާނެ ކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.

އެ އިސްލާހުގެ ސަބަބުން މަދަނީ ބައެއް ޖަމިއްޔާ ޖަމާއަތްތަކުންނާއި ބައެއް ނޫސް އިދާރާތަކުގެ އިތުރުން ބައެއް ނޫސްވެރިން ވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ކޮމިޝަނުގެ މެންބަރުންނާއެކު އިއްޔެ ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އެއްވެސް ހައްގެއް އުނި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިއިން އެއްވެސް މާއްދާއެއްގެ ސަބަބުން އެއްވެސް ބަޔަކަށް އެއްވެސް ހައްގެއް ހަނިކުރާ ކަމަށް ފެންނަ ކަމަށްވަންޏާ އަޅުގަނޑުމެން އެކަމެއް ކުރާކަށް ބޭނުމެއް ނޫނޭ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން ހައްގުތަކެއް ހަނިވާކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފާހަގަކުރެވޭ ނަމަ، އެ އިސްލާހު ފާސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަކުން ބާރު ނާޅާނެ ކަމަށެވެ. އަދި މަޖިލީހުން އެ އިސްލާހު ފާސް ނުކުރި ނަމަވެސް، އެކަން ކޮމިޝަނުން ބަލައިގަންނާނީ އިހުތިރާމާއެކުގައި ކަމަށް ފުއާދު ވިދާޅުވިއެވެ.