ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށް ގެންދާ މަސައްކަތް ނިންމާލެވޭނެ ކަމަށް މަގު ހަދާ ކުންފުނި އާރްޑީސީން ބުނެފިއެވެ.

އެ ކުންފުނިން އެންމެ ފަހުން ހިއްސާކުރި މައުލޫމަތުތަކަށް ބަލާއިރުގައި މި ވަގުތު އަމީނީ މަގުގައި ކުރެވެމުންދަނީ މީރާ ކައިރީގައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅިތަށް އެޅުމުގެ މަސައްކަތެވެ.

ފެން ބިލްޑިން އިން ފެށިގެން ބިލަބޮން ސްކޫލް އާއި ހަމައަށް ހޮޅި އަޅައި ނިމުނު ހިސާބުގައި ދުވާރު އަދި ކާބްސްޓޯންގެ މަސައްކަތްވެސް މިވަގުތު ކުރިއަށް އެބަގެންދެއެވެ.

ހަމަ އެ ހިސާބުގައި މިވަގުތު ސްޓޯމްވޯޓާ ކެޗްޕިޓް ތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދާއިރު ދެން ކުރިއަށް ދާނީ އަމީނީމަގު ގިޔާސުއްދީން އާއި ހަމައިގައި ހޮޅި އެޅުމުގެ މަސައްކަތް ކަމަށް އާރްޑީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.

މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.