ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ކެމްޕެއިން ފެށުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑު ކުރައްވާ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މާލޭގެ ހުރިހާ ގެއަކަށް ވެސް ޕީޕީއެމް/ޕީއެންސީގެ ޓީމުތައް ޒިޔާރަތްކޮށް ހުރިހާ މައުލޫމާތުތަކެއް އެއްކުރާނެ ކަމަށެވެ. މާލޭގައި ޑޯޓުޑޯ ހަރަކާތް މިއަދު ފެށުނު ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ވެސް ޑޯޓުޑޯ ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޖަލުގައި އޮތް ނަމަވެސް، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެށިގެން ދިއުމަކީ ރައްޔިތުން އުފާ ކުރާނެ ކަމެއް ކަމަށެވެ. އަދި ޔާމީން އެ ހަރަކާތުގައި ބައިވެރިވެއްޖެ ނަމަ އެއީ ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅުގައި ފުދުންތެރި ދިރިއުޅުމެއް ބިނާކޮށްދޭނެ ވަރުގެ ގާބިލްކަން ހުރި ވެރިއަކަށް ދިވެހި ރައްޔިތުން ކެތްމަދުވެފައިވާ ކަމަށާއި އެފަދަ ވެރިއަކަށް ބަލާއިރު ދިވެހި ރައްޔިތުން ވެސް އިއްތިފާގުވާ އެއް ބޭފުޅަކީ ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.

[caption id="attachment_54667" align="alignnone" width="1280"] ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ / ޕީޕީއެމް[/caption]

"ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއަދު ފެށިގެން ދިޔަ ހަރަކާތަކީ ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވާސިލްވެ، އެފަރާތްތަކާ ބައްދަލުކުރުމަށް ފެށޭ ހަރަކާތެއް ކަމަށެވެ.

"ވަރަށް އަވަހަށް ރަށްރަށުގެ ރައްޔިތުންނާ ހަމައަށް ދަތުރުތައްވެސް ފެށިގެންދާނެ. މިކެމްޕެއިން މި ބާރުމިނުގައިގޮސް ރައީސް ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވާނެ.
މިއަދުގެ މިހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސެނެޓަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި އާންމު މެމްބަރުންވެސް ބައިވެރިވޭ،" ހީނާ ވިދާޅުވިއެވެ،

ޔާމީންގެ ރިޔާސީ ކެމްޕެއިން މިއަދު ފެށިއިރު އެމަނިކުފާނު މިވަގުތު ވެސް އޮންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމުގައެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވުމުންނެވެ. މިހަފްތާގެ ބުދަ ދުވަހު ހައިކޯޓުގައި ވަނީ އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެއް ތާވަލު ކޮށްފައެވެ.