ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުން ދާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

އެކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ އިލްޒާމު އަޅުވަމުން ދިއުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި، އަނިޔާތަކާއި އިންޒާރުތަކުގެ އިތުރުން މިހާރަކަށް އައިސް އެ ކައުންސިލަށް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމު އަޅުވަމުންދާ މައްސަލަ ކަމަށް އެމްއެމްސީން ބުންޏެވެ.

އެފަދަ ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ، މީޑީއާގެ މިނިވަންކަމަށް އެޅިގެންދާ ބޮޑު ހުރަހެއްކަން ފާހަގަކޮށް އެމްއެމްސީގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމަލުތަކުގެ ސަަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމަށެވެ. އަދި ބުނީ ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުމަށް އޮތް މީޑިއާގެ ޒިންމާއަށް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ.

އެމްއެމްސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާ އިން ވަނީ ނޫސްވެރިންނަށް އަސްލެއް ނެތް ތުހުމަތުތައް ކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ގޮވާލައިފައެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވަމުން އަންނަ ބައްދަލުވުންތަކުގައި އާއި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ތުހުމަތުތައްކޮށް ނޫސްވެރިކަން ޑިސްކްރެޑިޓް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން އެ ޖަމިއްޔާ އިން ވަނީ ކުއްވެރި ކޮށްފައެވެ.

އެމްއެމްސީ އާއި އެމްޖޭއޭ އިން މިފަދައިން ބަޔާން ނެރެފައި މިވަނީ އިއްޔެ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން އައިސް ކުރާ ސުވާލުތަކަކީ ރައީސް އޮފީހުން ބުނެގެން ކުރާ ސުވާލުތަކެއް ކަމަށް ތުހުމަތުކޮށް ނޫސްވެރިންނާއި މީޑިއާތައް ތިބެނީ ސަރުކާރަށް "ވިކިފައި" ކަމަށް ބުނެފައި ވަނިކޮށެވެ.